ތުއްތު ފުރާނައެއް ވަކިވިގޮތް ވަރަށް ކައިރިން ބަލަންޖެހޭ، މިކަން ތަކުރާރު ނުވާނެހެން ނިޒާމް ބައްޓަންކުރަން ޖެހޭ: ޔާސިރު

MP Yasir

ތުއްތު ފުރާނައެއް ވަކިވިގޮތް ވަރަށް ކައިރިން ބަލަންޖެހޭ ކަމަށާއި، އެފަދަ ކަންކަން ތަކުރާރު ނުވާނެހެން ނިޒާމް ބައްޓަންކުރަން ޖެހޭ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޔާސިރު މިހެން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގައި ސަރުކާރުގެ ފަރާތުން، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު ހުށަހަޅުއްވާފައިވާ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާޢީ ބަހުސްގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކައިގައެވެ.

ޔާސިރުގެ ވާހަކާގައި ވަނީ، އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ އުމުރުން 10 އަހަރުގެ ކުއްޖަކު ރޭ އައިޖީއެމްއެޗް ހޮސްޕިޓަލްގެ އެމާޖެންސީގައި ފަރުވާ ދެނިކޮށް ނިޔާވެފައިވާއިރު، އެ ހިތާމަވެރި ހާދިސާގައި ކަންހިނގާދިޔަ ގޮތަށް އިޝާރާތްކުރަށްވަމުން، މިއީ ވަރަށް ދަތި ވަގުތެއް ކަމަށާއި، ރޭގައި އޭނާގެ ވަރަށް ގާތް އަޚެއްގެ ތުއްތު ދަރިފުޅު ނިޔާވެފައިވާ ކަމަށް ވިދާޅުވެފައެވެ.

"މިވަގުތަކީ ރާއްޖެއަށް ވެސް ވަކީން ޚާއްޞަކޮށް ކުޅުދުއްފުށީ ލޮބުވެތި ރައްޔިތުންނަށް ވަރަށް ހިތާމަވެރި ވަގުތެއް" ޔާސިރު ވިދާޅުވިއެވެ.

އޭނާ ވަނީ އެ ހާދިސާއާއި ގުޅިގެން މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށާއި، ހަމްދަރުދީއަށް ޝުކުރު އަދާކުރަށްވާފައެވެ. އަދި މަޖިލިސް ތަޅުމުގައި ވާހަކަ ދައްކާއިރު އެ ތުއްތު ކުއްޖާގެ އާއިލާގެ އިޒުނަނެތި އެ އާއިލާއާއިގުޅޭ ޒާތީ މައުލޫމާތު ތަޅުމުގައި ހާމަނުކުރުމަށް އޭނާ އެދިވަޑައިގަތެވެ. އަދި އެއީ އެންމެ ރަނގަޅުގޮތް ނޫން ކަަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑު ގަބޫލުކުރަން ޚާއްޞަކޮށް މިހިނގާދިޔަ ކަންތަކުގައި އަޅުގަނޑުމެންނާ ނުހަނު ތުއްތު ފުރާނައެއް ވަކިވެގެން ގޮސްފައިވާ ހިނދުގައި މިކަން އަޅުގަނޑުމެން ވަރަށް ކައިރިން ބަލަންޖެހޭ، މިކަން ތަކުރާރު ނުވާނެ ގޮތަކަށް އަޅުގަނޑުމެންގެ ނިޒާމް ބައްޓަން ކުރަންޖެހޭ، އަޅުގަނޑުމެންގެ ޓެކްސްފައިސާ ރަނގަޅު ގޮތުގައި އެބަ ޚަރަދު ކުރަންޖެހޭ، އަޅުގަނޑު ހަމަ ފާހަގަކޮށްލަން މިކަން ބެލުމަށްޓަކައި ދެވަނަ ފުރާނައަކަށް މިކަން ތަކުރާރު ނުވާނެ ގޮތަކަށް ކަންތައްތައް ރޭވުމަށްޓަކައި އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން،" ޔާސިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެކަން ހިނގާދިޔަ ގޮތް ރައީސް ޞާލިޙް ވެސް ވަރަށް ކައިރިން ބައްލަވަމުން ގެންދަވާ ކަމަށެވެ.

"އަޅުގަނޑު ޤަބޫލުކުރަނީ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އިއްޔެގެ މިކަން ހިނގިގޮތް ވަރަށް ކައިރިން ބައްލަވަމުން އެބަ ގެންދަވާ، ހަމައެޔާއެކު އެ އެންމެ ބެފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރަށްވާނެ ކަމަށް ވަނީ ވިދާޅުވެފައި، ސަރުކާރުން އަދި މަޖިލީހުން މިކަންތައް ބަލަންޖެހިއްޖެ ހިނދެއްގައި ބަލައި ކުރިއަށް އޮތްތާގައި އެފަދަ ކަމެއް ތަކުރާރުނުވާނެ ގޮތަށް މަސައްކަތް ކުރަށްވާނެ ކަމުގެ ޔަގީންކަން އަރުވަން" ޔާސިރު ވިދާޅުވިއެވެ.

ކޯވިޑް ބަލީގައި މާލޭ ސިޓީގައި ރޭ ނިޔާވި ހދ. ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ 10 އަހަރުގެ ކުއްޖާއަކީ ކޯވިޑަށް ޕޮޒިޓިވްވުމުން ގޭގައި ކަރަންޓީނުގައި ހުރި އަންހެން ކުއްޖެކެވެ. އެކުއްޖާގެ މަންމައާއި، ބައްޕަ ވެސް ތިބީ އެ ބަށްޔަށް ޕޮޒިވްވުމުން އެކުއްޖާއާއިއެކު ކަރަންޓީނުގައެވެ.

އެކުއްޖާގެ ހާލު ގޯސްވެގެން ގުޅުމުން އެ ކުއްޖާ ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސަށް ދެވުނީ، ޢާއިލާއިން ގުޅިތާ 2 ގަޑިއިރާއި 40 މިނެޓްފަހުން ކަމަށް ޢާއިލާއިން ވަނީ ބުނެފައެވެ.

ޢާއިލާއިން އެމްބިއުލާންސް ފޮނުވުމަށް އެދި ގުޅަންފެށީ ރޭގަނޑު 9 ޖަހާއިރުއެވެ. އެމްބިއުލާންސް ކުއްޖާ ބަލާއައީ ކުއްޖާގެ ހާލު ވަރަށް ބޮޑަށް ދަށަށް ދިޔަފަހުން 11:40ގައެވެ. އެ ކުއްޖާ ނިޔާވީ އައިޖީއެމްއެޗްގެ އެމާޖެންސީގައި ފަރުވާ ދެމުން ދަނިކޮށް މެންދަމު 12:10 ހާއިރުއެވެ.

އެކުއްޖާ ބަލާ އެމްބިއުލާންސް ދިޔުން ބޮޑުތަނުން ލަސްވި މައްސަލާގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް މައާފަށް އެދިވަޑައިގެން އެ މިމައްސަލަ ބައްލަވާނެ ކަމަށް ވިދާޅުވެފައިވާއިރު، ހެލްތު މިނިސްޓްރީއިން ވެސް މިއަދު ވަނީ އެކަމުގައި އިހްމާލުވެވުނުކަމަށް އިއުތިރާފްވެ ޓްވީޓެއް ކޮށްފައެވެ. އަދި އިތުރަށް އެފަދަ ކަންކަން ނުހިނގާނެ ގޮތަށް އުސޫލުތަކަށް ބަދަލު ގެނެސްފައިވާކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ތިޔެން ބުނެވިދާނެ. ބެލިދާނެ . އެޅޭނީ ހިނގާފަދާއިރު އަޅާފިޔަވަޅު. ފަހަރެއްގަ ވެހިކަލްގެ ޑުރައިވަރަކު ޖުރުމަނާއެއް ކޮށްފާނެ. އެއީވެސް އެކަމާ ނުބެހޭ ޑުރައިވަރު. ރަމްޒީ ޖުރުމަނާއެއް. ޒިންމާ އުފުލަންޖެހޭ މީހާއަށް ޕުރަމޯޝަނެއް ދޭނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި