ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމާއި ގުޅިގެން މާލޭ ސަރަހައްދުގައި އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތްތަކުގައި ނަމާދުކުރުން ހުއްޓުވާފައި އޮތްއޮތުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިމުން ގެނެސްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ މާލޭ ސަރަހައްދުގައި ހިމެނޭ 40 މިސްކިތުގެ ތެރެއިން 37 މިސްކިތެއްގައި ވަކިވަކިން ނަމާދުކުރުމުގެ ހުއްދަދީ، އެ މިސްކިތްތަކުގައި ވުޟޫކުރުމާއި ފާހާނާ ކުރެވޭނޭ އިންތިޒާމް ހަމަޖައްސާފައެވެ.

Ad
rt

މިކަމާއި ގުޅިގެން އެ މިނިސްޓްރީން މިއަދު ބުނެފައިވަނީ ކޯވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން، 19 މެއި 2021 ވީ ބުދަ ދުވަހުން ފެށިގެން މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލެވުނު ކަމަށެވެ. ނަމަވެސް އެ އެ ނިންމުމަށް ތަބާނުވެ ބައެއް މިސްކިތްތަކުގައި ގައިދުރުކަމެއްނެތި ނަމާދު ކުރަމުން ދާތީވެ އާންމު މަސްލަހަތަށް ރިއާއަތްކޮށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތްތައް ބަންދުކުރަން ނިންމީ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ފެނާއި ކަރަންޓް ކަނޑާލައި މާލޭ ސަރަހައްދުގެ މިސްކިތްތައް މުޅިން ބަންދު ކޮށްފައިވަނީ 26 މެއި 2021 ގައެވެ. އިސްލާމިކް މިނިސްޓްރީން މާލޭގެ ބައެއް މިސްކިތްތައް ހުޅުވާލާފައި މިވަނީ މިސްކިތްތައް ބަންދުކުރުމާއި ގުޅިގެން ސޯސަލް މީޑިއާގައި ސަރުކާރަށާއި އިސްލާމިކް މިންސްޓްރީއަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައުވާ ދަނޑިވަޅެއްގައެވެ.

ކޯވިޑްގެ މި ހާލަތުގައި ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރްއާން ކިޔަވައި، އިސްތިޣްފާރު ކުރުކޮށް، މި ބަލިމަޑުކަމުން އަވަހަށް ސަލާމަތް ކޮށްދެއްވުން އެދި ގިނަގިނައިން ދުޢާކޮށް އުޅުމަށާއި އަދި ކަމާގުޅޭ ފަރާތްތަކުން ދޭއިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި ﷲގެ ރަޙްމަތުން މާޔޫސްނުވެ ސަބަބުތަކުގައި ހިފައި، ފުރިހަމައަށް ﷲ އަށް ވަކީލުކޮށް އުޅުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނސޭހަތްތެރި ވެފައެވެ.