ހިޔާ ފްލެޓްތަކުގެ ކުލިކުޑަކޮށް، ފިނިޝިންގެ މަސައްކަތް ނިންމާ މުއްދަތު އިތުރުކޮށް، މި ފެށުނު ޖޫން މަސް ނިމުމުގެ ކުރީން ފްލެޓްތަކަށް ވަދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ގޮވާލާ ތައްޔާރުކުރި ޕެޓިޝަން ކަމާއި ގުޅޭ އިދާރާތަކަށް ހުށަހަޅައިފި އެވެ.
މިޕެޓިޝަނަކީ ހިޔާ ފްލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ބަޔަކު އިސްނަގައިގެން، "ހިޔާ ފްލެޓު ޔޫނިއަން" ގެ ނަމުގައި އެފަރާތުގެ ކަންބޮޑުވުންތަށް ދައުލަތުގެ ކަމާއި ގުޅޭ އިދާރާތަކަށް ހުށަހެޅުމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ފެށި ޕެޓިޝަނެކެވެ.
މި ޕެޓިޝަނުގެ މަސައްކަތް މިއަދު ހެދުނު 10:00ގައި ނިންމާލާފައިވާއިރު ފްލެޓް ލިބުނު 2177 (ދެހާސް އެއްސަތޭކަ ހަތްދިހަ ހަތް) ފަރާތުގެ ސޮއި ވަނީ ހަމަކޮށްފަ އެވެ.
މިކަން އިންތިޒާމްކުރުމުގައި އިސްކޮން ހަރަކާތްތެރިވި ފަރާތަކުން މަޢުލޫމާތު ދެއްވިގޮތުގައި، ސޮއި ކުރުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑާއި ގުޅިގެން މާލެ ފުރަބަންދުކުރުމާއި، ފްލެޓް ލިބިފައިވާ ގިނަ ފަރާތްތަކެއް
ކަރަންޓީނުގައި ތިބުމާއި، އިންޓަނެޓް ލިބުމުގައި ހުރި ދަތިކަންކަމަށް ފާހަގަ ކުރެއްވި އެވެ.
ހިޔާ ފުލެޓު ލިބުނު ގިނަ ބައެއްގެ ދިގުދެމިގެން މިދާ އިންތިޒާރަށް އުފާވެރި ނިމުމެއް ގެނެސް ދެއްވާތޯ ރައީސުލް ޖުމްހޫރިއްޔާ އަދި ކަމާއި ގުޅޭ އިދާރާތަކަށް ހުށަހެޅުމަށް ތައްޔާރުކުރި ޕެޓިޝަނުގެ އަސްލު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ރައީސް އުފައްދަވާފައިވާ ފްލެޓް ކޮމެޓީ އާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް
އިންފްރާސްޓްރަކްޗަރ އަދި ހައުސިންގް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން އާއި މާލެސިޓީ ކައުންސިލް އަށް ވަނީފޮނުވާފައި ކަމަށް އެފަރާތުން މަޢުލޫމާތު ދެއްވަ އެވެ.
މި ޕެޓިޝަނަކީ ދައުލަތުގެ ކަމާއި ގުޅޭ ވުޒާރާތަކުގައި ފްލެޓް ލިބުނު ފަރާތްތަކުން ދަންނަވާ އާދޭސްތަކެއްގެ މައްޗަށް ބިނާކޮށް ޖުމްލަ 5 ނުކުތާއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ޕެޓިޝަނެކެވެ.
“ހިޔާ ފުލެޓުތަކަށް ވަދެވޭނެ ކަމުގެ އިންތިޒާރުގައި ތިބޭތާ ތިންއަހަރު ފުރެން ގާތްވަމުން ދާއިރު، އެފަރާތްތަކުގެ މި ހިތްދަތި ދިގު އިންތިޒާރަށް އިތުރު ހިތްދަތިކަމެއް ގެނުވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިލާންޖެހިފައި މިވާ ދަތި އުނދަގޫ ހާލަތު”
މިކަމުގައި އިސްކޮން ހަރަކާތްތެރިވާ ފަރާތަކުން ބުނެފައިވެއެވެ.
ހަ ހާހަށް ވުރެ ގިނަ ޢާއިލާތަކުން ގާތްގަނޑަކަށް 35 ހާހެއްހާ ދިވެހީންގެ އަޑު ސަރުކާރުގެ ކަމާއިގުޅޭ ވުޒާރާތަކަށް އިއްވާފައިވާއިރު އެފަރާތްތަކުގެ އާދޭހަކީ އެފަރާތްތަކުގެ އާދޭސްތައް އައްސަވައި، މި ޕެޓިޝަންގައިވާ ކަންކަން ރަނގަޅު ނިޒާމެއްގެ ދަށުން އިންތިޒާމްކޮށްދެއްވައި، ދެން އިތުރަށް ލަސްނުވެ، ހިޔާ ފުލެޓުތަކުގައި އެފަރާތްތަކަށް ދިރިއުޅެވޭނެ މަގު ފަހިކޮށްދެއްވައި، އެފަރާތްތަކުގެ މި ދިގުލައިގެންދާ އިންތިޒާރަށް އުފާވެރި ނިމުމެއް ގެނެސް ދެއްވުންކަމުގައި ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!