ނުރައްކާތެރި ކޯވިޑް-19 ބަލީގައި ރާއްޖެއިން އިތުރު ދެ މީހަކު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ، 70 އަހަރުގެ ފިރިހެނަކާއި، 59 އަހަރުގެ އަންހެނެކެވެ.
މި ދެ މީހުން ވެސް ނިޔާވެފައި ވަނީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައެވެ.
މިބަލީގައި އިތުރު ދެ މީހަކު ނިޔާވުމުން ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދު މިވަނީ 163 އަށް އަރާފައެވެ.
އިއްޔެ ވެސް މިބަލީގައި ތިން މީހަކު ނިޔާވިއެވެ. މިބަލީގައި މިމަހު ނިޔާވި މީހުންގެ ޢަދަދަކީ 3 އެވެ. އަދި މިދިޔަ މަހު މިބަލީގައި ވަނީ 89 މީހަކު ނިޔާވެފައެވެ.
ކޯވިޑް ބަލީގައި އެންމެ ގިނައިން މީހުން ނިޔާވީ ނިމުނު މޭ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު 13 މީހަކު ނިޔާވި އެވެ.
ރާއްޖޭގައި ކޯވިޑްގެ ހާލަތު ބޮޑަށް ގޯސްވެފައި އޮންނަތާ ދެ މަހެއްހާ ދުވަސްފަހުން އިއްޔެ ވަނީ ޕޮޒިޓިވްވާ ރޭޓް ކުޑަކޮށް ދަށަށް ޖެހިލާފައެވެ. އިއްޔެ ރާއްޖެއިން ޕޮޒިޓިވްވީ 710 މީހެކެވެ.
އިއްޔެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން ރޭ ބުނި ގޮތުގައި ކޯވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 488 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. 202 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުންވެސް ފަސް މީހަކު ޕޮޒިޓިވްވެފައިވެއެވެ.
އިއްޔެ ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭއިން މި ބަލި ޖެހުނު މީހުންގެ ޢަދަދު ވަނީ 64،396 އަށް އަރާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!