ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުން ވީހާވެސް ކުޑަކުރުމަށްޓަކައި، ތަރައްގީގެ މަޝްރޫޢުތަކަށް ހެދޭ އެންވަޔަރމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓު ވާންޖެހޭނީ ވިޔަފާރީގެ އުސޫލުން "ނަމަކަށް" ހެދޭ ރިޕޯޓަކަށް ނޫންކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޔާސިރު މިހެން ވިދާޅުވީ އިއްޔެގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ކ. ދިއްފުށްޓަށް އުދައެރުމުގެ ސަބަބުން ދިމާވެފައިވާ ގެއްލުންތަކާ ގުޅިގެން އެ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސްގައި، އެ މައްސަލައަށް ތާއީދުކުރަށްވާ ދެއްކެވި ވާހަކާގައެވެ.

Ad
rt

ޔާސިރު ވިދާޅުވީ ރާއްޖޭގައި ގުދުރަތީ ގޮތުން ދިވެހިރާއްޖެއަށް އަދި މުޅި ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ރަށްތަކަށް ދަނީ އެތަކެއް ނޭދެވޭ އަސަރުތަކެއް ކުރަމުން ކަމަށެވެ.

ރާއްޖޭގައި އުފެދުނު ސަރުކާރުތަކުން މާޒީގައި ހިންގި މަޝްރޫޢުތަކުގެ ނަތީޖާއެއްގެ ގޮތުން ތިމާވެށީގެ އެތަކެއް މައްސަލަތަކަކާއި ކުރިމަތިވަމުންދާކަމަށް، އެ މައްސަލައިގެ ބަހުސްގައި ވާހަކަ ދެއްކެވި ބައެއް މެންބަރުން ފާހަގަކުރައްވާފައި ވުމުން ޔާސިރު ވިދާޅުވީ އޭނާއަށް ވެސް އެކަން ފާހަގަ ކުރެއްވޭ ކަމަށެވެ.

"މަގު ހެދިފައި ހުރި ގޮތުގެ ސަބަބުން އެކަން ކުރިމަތިވާކަން ފާހަގަކޮށްދެއްވައިފި. ކޯޒްވޭ ހެދިފައި ހުރި ގޮތުން އެކަން އެބަ ކުރިމަތިވާކަން އެބަ ފާހަގަކޮށްދެއްވައިފި. މީގެއިތުރުން ހަމަ ބަނދަރު ހެދުމުގެ ސަބަބުން، ބަނދަރު ހެދިފައި ހުރި ގޮތުގެ ސަބަބުން އެތަކެއް ރަށްތަކަށް އެ ތަކުލީފު ޖެހެމުންދާ ވާހަކަ ފާހަގަކޮށްދެއްވައިފި، މިއީ އަޅުގަނޑުމެން ނުހަނު ފުންކޮށް ވިސްނައިލަންޖެހޭ ކަމެއް،"

ޔާސިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ތަރައްޤީގެ މަޝްރޫޢުތަކަކީ ދައުލަތުން ރައްޔިތުންގެ ފައިސާއިން، ރައްޔިތުންނަށް ޓަކައި، ރައްޔިތުންގެ ހެވާއި ލާބައަށް ހިންގޭ މަޝްރޫޢުތަކެއް ކަމުން، މިފަދަ މަޝްރޫޢުތަކަކީ ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް ހިންގޭނެ މަޝްރޫޢުތަކެއްކަމުގައި ހަދަންޖެހޭ ކަމަށެވެ.

"މިއާއެކީގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ، މިކަމާ ގުޅޭ ގޮތުން ހަތަރު ކަމެއް، އަޅުގަނޑު ފާހަގަކޮށްލާނަން ފުރަތަމަ ކަމަކަށް އިއްޒަތްތެރި ރައީސް، އަޅުގަނޑުމެން މިހާރުން މިހާރަށް އެބަ ޖެހޭ މިހާރު ދިވެހިރާއްޖޭގައި ހުރި ހުރިހާ ރަށްތަކުގެ ތެރެއިން، މި މައްސަލަ ދިމާވާ، ގުދުރަތީ ގޮތުން މި މައްސަލަ ދިމާވާ ރަށްތައް ބަލައި، ދިރާސާކޮށް، އެންމެ ފުރަތަމަ ފިޔަވަޅުއަޅަންޖެހޭ ޙައްލުކުރަންޖެހޭ ރަށްތަކަށް ހަމަ ފިޔަވަޅުއަޅަން ސްޓަޑީއެއް ހެދިގެން އެކަން ކުރަން އެބަޖެހޭ." ޔާސިރު ވިދާޅުވިއެވެ.

ދެވަނަ ކަމެއް ގޮތުގައި އޭނާ ފާހަގަކުރެއްވީ، އެންމެންނަކީ ވެސް ތިމާވެށްޓާ ރައްޓެހި، ތިމާވެށްޓާ އެއްގޮތަށް މަސައްކަތްކުރާ، ހިމާޔަތްކުރުމަށް މަސައްކަތްކުރާ ބައެއް ކަމުގައި ވާންޖެހޭ ކަމަށެެވެ. މިގޮތުން ރަށްތަކުން ވެލި ނެގުމާއި، މިފަދަ އެތަކެއް ކަމަކުން ދުރުހެލިވެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރަން ޖެހިފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"ތިންވަނަ ކަމަކަށް އަޅުގަނޑު ފާހަގަކޮށްލާނަން، އަޅުގަނޑުމެންގެ މަޝްރޫޢުތަކަށް މިހާރު އަޅުގަނޑުމެންގެ ގާނޫނުތަކުން އެބަ ލާޒިމުކުރަން، ކޮންމެ މަޝްރޫއެއް ބައިވަރު މަޝްރޫޢުތައް ހިންގާއިރުގައި އީ.އައި.އޭއެއް ހަދަން. ހިތާމަޔާއެކީ އަޅުގަނޑު ފާހަގަކުރަން މިހާރު ހިންގޭ ގިނަ މަޝްރޫޢުތަކުގައި ހަދާ އީ.އައި.އޭ ރިޕޯޓަކީ ނަމަކަށް ހެދޭ ރިޕޯޓެއް. މިއީ މިކަން ވާނެ ގޮތެއް ކަމުގައި އަޅުގަނޑު ނުބަލަން. މިއީ ބޮޑު ވިޔަފާރިއަކަށް ވެފައި އޮތް ކަމެއް. އެހެންނަމަވެސް، މި އީ.އައި.އޭ ރިޕޯޓަކީ ނުހަނު ބެލިގެން ރަގަޅަށް ހެދޭ ރިޕޯޓަކަށް ވާންޖެހޭ" ޔާސިރު ވިދާޅުވިއެވެ.

ހަތަރުވަނަ ކަމެއް ގޮތުގައި އޭނާ ފާހަގަ ކުރެއްވީ، ތަރައްގީގެ މަޝްރޫޢުތައް ވާންޖެހޭނީ ރަނގަޅަށް ދިރާސާކުރެވިގެން ދުރުރާސްތާ ޕްލޭނެއްގެ ދަށުން ހިންގޭ މަޝްރޫޢުތަކަކަށް ކަމަށެވެ.