ބަލި ފެތުރި ނުރައްކާތެރިކަން ބޮޑުވެގެން ހިނގައްޖެ ހާލަތެއްގައި، ހދ. ކުޅުދުއްފުށީގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭނެ ވަކި ފެސިލިޓީއެއް ނެތްކަމަށް ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ މެނޭޖަރު އަހްމަދު ދާވޫދު ވިދާޅުވެއްޖެ އެވެ.

އަޙްމަދު ދާއޫދު މިހެން ވިދާޅުވީ ކޯވިޑް19 ގެ މިހާރުގެ ހާލަތު ބަޔާންކުރަން މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ. މިޕޯސްޓުގައި އަޙްމަދު ދާޢޫދު ވިދާޅުވީ މިހާލަތުގައި އެންމެހާ ފަރާތްތަކުން ބަލި ފެތުރިގެން ހިނގައިދާނެ ހުރިހާ ކަމަކުން ރައްކާތެރިވެ ތިބުމަކީ މުހިންމު ކަމަށެވެ.

Ad
rt

އެގޮތުން ގިނަ ރަށްރަށުގައި މި ފާހަގަ ވަނީ ހޯމް ކަރަންޓީނުގެ އުސޫލުތަކާ ޚިލާފު ވާތީ ބަލި ފެތުރިގެން ދާ ތަންކަމަށާއި އެހެންކަމުން ކަރަންޓީނު ފުރިހަމަ ކުރައްވާ ފަރާތްތަކުން، އުސޫލުތަކަށް ފުރިހަމައަށް ތަބާވުމަކީ މުހިންމު ކަމެއް ކަށާއި މާލެއިން ދަތުރު ކޮަށްފައި އަންނަ ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވަމުން ދާއިރު ކަރަަންޓީނުގައި ތިބޭ ފަރާތްތަކާއި ކޮންޓެކްޓް ނުވުމަކީ މުހިންމު ކަމެއްކަން ފާހަގަ ކުރެއްވި އެވެ.

"މާސްކު އެޅުމަކީ ޖޫރިމަނާ ކޮށްފާނެތީ، ކުރާ ކަމަކަށް ނެހެދުމަށް ހަނދާން ކޮއްދެން"

އަޙްމަދު ދާޢޫދުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

އެންމެން ގުޅިގެން މިކަމަށް ދޭން ޖެހޭ ސަމާލުކަން ކުޑަވިޔަ ނުދީ މަސައްކަތް ކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރެއްވި އެވެ.

ދާވޫދު ވިދާޅުވީ، މާތް ﷲ ގެ ހެޔޮ ރަހްމަތްފުޅުން ކޮވިޑްގެ ބަލިމަޑުކަމުން ކުޅުދުއްފުށި މިހާތަނަށް ވެސް ސަލާމަތްވެފައި އޮތީތީ ޝުކުރުވެރިވާ ކަމަށާއި މިކަމުގައި ކުޅުދުއްފުށި ރައްޔިތުން ދެއްކެވި އެއްބާރުލުމަކީ ލާމަސީލު، ރިވެތި ނަމޫނާ އެއްކަމަށެވެ. އަދި ސިއްހީ ހިދުމަތްތެރީންނާއި، ގުޅުންހުރި މުއައްސަސާތަކާއި، ވޮލަންޓިއަރުންނާއި، ދަރުމަވެރީން ކުރެއްވި މަސައްކަތް، އަދި ކުރަމުންދާ މަސައްކަތަކީ ޝުކުރުވެރިކަމާއެކު ބަލައިގަންނަކަމެއް ކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި ކޮވިޑްގެ ބަލިމަޑުކަން ހިފެހެއްޓުމެއް ނެތް ބާރުމިނެއްގައި ފެތުރެމުންދާ މި ދަނޑިވަޅުގައި އަދި ހާއްސަކޮށް އަވަށްޓެރި ގިނަ ރަށްތަކެއްގައި ހަލުވިކަމާއެކު ބަލި ފެތުރެމުންދާއިރު، އެންމެން ގުޅިގެން މިކަމަށް ދޭން ޖެހޭ ސަމާލުކަން ކުޑަވިޔަ ނުދީ މަސައްކަތް ކުރުމަކީ މުހިންމު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ހާއްސަ ގޮތެއްގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާސްކު އެޅުމާއި، ސާފުތާހިރުވެ އުޅުމާއި، ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސް ނުކުރައްވާ ޓެސްޓް ކުރުމަކީ މުހިންމު ކަމެއްކަން ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ކޮވިޑް ހޮޓްލައިން ނަންބަރަކީ 7606688. ފޯނަށް ޖަވާބު ނުދެއްވިއްޖެ ހާލަތެއްގައި އެސްއެމްއެސްއެއް ކުރެއްވުމަށް ދަންނަވަން." އޭނާ ވިދާޅުވި އެވެ.

ކޭއާރުއެޗް ގެ ޕީސީއާރު ލެބަށް ބައެއް ދުވަސް ދުވަހު 600 އަށް ވުރެ ގިނަ ސާމްޕަލް އަންނަމުން ދާއިރު، ނަތީޖާ ލިބުމުގައި ކުރިއަށް ވުރެ ލަސްވެގެން ހިނގައިދާނެ ކަމަށްވެސް އަޙްމަދު ދާޢޫދު ފާހަގަކުރައްވާފައިވެއެވެ.

ކޭއާރުއެޗްގެ މެނޭޖަރ އަޙްމަދު ދާޢުދު މިހެންވިދާޅުވެފައިވާއިރު، ކުޅުދުއްފުށީ ސިޓީގައި ކޯވިޑް ފެސިލިޓީއެއް ނެތުމުންނާއި، ކޭއާރުއެޗްގެ ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ފްރަންޓްލައިން އެލަވަންސް ނުލިބޭތީ، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފްވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އުތުރުގެ މައި ހަބުގެ ގޮތުގައި އޮންނަ ކުޅުދުއްފުށީ ސިޓީގައި ކޯވިޑް ފެސިލިޓީއެއް ނެތުމުން ޔާސިރު ކަންބޮޑުވުން ފާޅުކުރެއްވިއިރު، މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައި ކުޅުދުއްފުށީ ސިޓީއަށް ޒިޔާރަތްކުރި ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ، (އެޗްއީއޯސީ)ގެ "ޓެގް" ޓީމުން ވަނީ އެ ސިޓީއަށް ފެސިލިޓީއެއްގެ މުހިންމުކަން ފާހަގަ ކުރަށްވާފައެވެ. އަދި އެޓީމުން އިސްނަގައިގެން އެ ފެސިލިޓީގެ ކުރެހުން ވެސް ކުރެހިކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކުޅުދުއްފުށީ ސިޓީގައި މިހާތަނަށް ކޯވިޑްގެ ބަލިމީހުން ބައިތިއްބުމަށް ބޭނުން ކުރަމުން އަންނަނީ ގެސްޓް ހައުސްއެކެވެ. އެ ތަނުގައި މިހާތަނަށް 300 އަށްވުރެ ގިނަ މީހުން ބައިތިއްބައިގެން ބަލަހައްޓައި، ފަރުވާދީފައިވާއިރު އެތަނަކީ ރަސްމީ ފެސިލިޓީއަކަށް ނުވާތީ، އެ މަސައްކަތުގައި އުޅޭ މުވައްޒަފުންނަށް މިހާތަނަށް ފްރަންޓްލައިން އެލަވަންސް ލިބިފައެއް ނުވެއެވެ.