ޔޫރަޕްގެ ކުލަބްތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ޗެލްސީން ހޯދައިފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ޕޯޗުގަލްގެ ޕޯޓޯގެ އެސްޓާޑިއޯ ޑޮ ޑްރާގޯ ސްޓޭޑިއަމުގައި ކުޅުނު ފައިނަލް މެޗު ޗެލްސީން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއިން މެންޗެސްޓާ ސިޓީ ބަލިކުރުމަށް ފަހުއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިގޮތުން އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ވެސް ތަނަވަސް ކޮށްފައެވެ. މިގޮތުން ފުރަތަމަ ހާފުގައި ލަނޑުޖަހާނެ ރަނގަޅު ދެ ފުރުޞަތު ޓީމޯ ވާނާއަށް ލިބިވަނީ ބޭކާރުވެފައެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 42 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ކައި ހަވާޓްޒްއެވެ. ހަވާޓްޒް މި ލަނޑު ކާމިޔާބު ކޮށްފައިވަނީ މޭސަން މައުންޓް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ސިޓީގެ ގޯލް ކީޕަރު ކައިރިން ނައްޓާލުމަށް ފަހުއެވެ. ސިޓީއަށް ފުރަތަމަ ހާފުގައި ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުޞަތެއް ލިބިފައިވަނީ ފިލް ފޯޑެންއަށެވެ. ފޯޑެން ޗެލްސީގެ އޭރިއާގެ ތެރޭހުރެ ފޮނުވާލި ހަމަލާ ޗެލްސީގެ ޑިފެންޑަރ ރުޑިގާވަނީ ޓެކުލްކޮށް ބޮލޮކް ކޮށްލާފައެވެ.
މެޗުގެ ދެވަނަ ހާފުގައި ސިޓީގެ ފަރާތުން ރަނގަޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް އެ ޓީމަށް އިތުރު މައްސަލަތަކާއި ކުރިމަތިވީ މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އެ ޓީމްގެ ޕްލޭމޭކަރ ޑިބުރޭނާއަށް އަނިޔާވެގެން ބަދަލުކުރަން ޖެހުމުންނެވެ. މެޗުގެ ދެވަނަ ހާފުގައި ޗެލްސީގެ ކުރިސްޓިއަން ޕްލިސިޗްއަށް ހުސް ފުރުޞަތެއް ލިބި ވަނީ ބޭކާރު ވެފައެވެ.
މިއީ މި ސީޒަންގައި ޗެލްސީން ސިޓީގެ މައްޗަށް ކާމިޔާބު ހޯދި ތިންވަނަ މެޗެވެ. މިދިޔަ ޖަނަވަރީ މަހު ޗެލްސީގެ ކޯޗުކަމާއި ހަވާލުވި ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ޗެލްސީން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިއީ ޓުޗެލްގެ އިރުޝާދުގެ ދަށުން ޗެލްސީ ކާމިޔާބުކުރި ފުރަތަމަ ތައްޓެވެ. މިދިޔަ ސީޒަންގައު ޕީއެސްޖީއަށް ޗެމްޕިއަންސް ލީގުގެ ރަނަރަޕް ލިބުނުއިރު ކޯޗެއްގެ ގޮތުގައި ހުރީ ޓުޗެލްއެވެ. މިއީ ޓުޗެލްއަށް ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. މިއީ ޗެލްސީން މި މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. ޗެލްސީން ފުރަތަމަ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވަނީ 2012-2011 ސީޒަންގައެވެ.
މިއީ މެންޗެސްޓާ ސިޓީ މި މުބާރާތުގެ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ. ފައިނަލް މެޗުގެ ނާކާމިޔާބީއާއި އެކު އެ ޓީމުން ޔޫރަޕްގެ އެންމެ ޝަރަފްވެރި މުބާރާތް ކާމިޔާބު ކުރުމަށް ކުރަމުން އަންނަ އުންމީދު ވަނީ އިތުރަށް ދިގުލައިގެން ގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!