ކޯވިޑްގެ ބަލިމަޑުކަމުގެ ހާލަތުގައި ރައްޔިތުންނަށް ދޭ ލުއިތަކުގެ ތެރެއިން އަންނަ މަހުގެ ފެން ބިލުންނާއި، ކަރަންޓް ބިލުން ލުއިދޭން ސަރުކާރުން ނިންމި ނިންމުމުގެ ދަށުން ސްޓެލްކޯއިން ކަރަންޓާއި ފެނުގެ ހިދުމަތް ދޭ ރަށްރަށުގައި މެއި މަހުގެ ޔޫސޭޖަށް ޑިސްކައުންޓް ދިނުމަށް ނިންމައިފި އެވެ.

އެގޮތުން އެ ކުންފުނިން ބުނީ، ސަރުކާރުން އިއުލާން ކުރައްވާފައިވާ ގޮތަށް އެ ކުންފުނިން ކަރަންޓާއި، ފެނުގެ ހިދުމަތްދޭ ރަށްރަށުގެ މެއި މަހުގެ ޔޫސޭޖަށް ހަދާ ބިލްތަކުގައި ޑިސްކައުންޓު ދޭން ނިންމާފައިވާ ކަމަށެވެ.

Ad
rt

އެ ނިންމުމުގެ ދަށުން ގޭބިސީތަކުން ބޭނުންކުރާ ކަރަންޓަށް ދައްކަން ޖެހޭ އަދަދުގެ 40 ޕަސެންޓް ޑިސްކައުންޓް ދޭން ނިންމާފައިވާއިރު، އަދި އާންމު ގޭބިސީތަކުން ބޭނުންކުރާ ފެނަށް ދައްކަން ޖެހޭ އަދަދުން 30 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އަދި އާންމު ވިޔަފާރިތަކުން ބޭނުންކުރާ ފެނާއި ކަރަންޓަށް ދައްކަން ޖެހޭ އަދަދުން 20 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

ބިލުގެ އަދަދުން ޑިސްކައުންޓަށް ކަނޑާފައިވާ މިންވަރު، ސްޓެލްކޯގެ އެޕްލިކޭޝަނުން ބެލޭނެ ގޮތް އެކުންފުނިން ވަނީ ހަމަޖައްސާފައެވެ. އަދި އެސްއެމްއެސްގެ ގޮތުގައި ފޯނަށް ބިލު ފޮނުވާއިރު، ބިލު ބަލައިލެވޭ ގޮތަށް ލިންކެއް ހިމަނައި، އެ ލިންކުންވެސް ޑިސްކައުންޓް އަދަދު ފެންނަހެން ވަނީ ހަދާފައެވެ.

ކޯވިޑްގެ ހާލަތުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ސްޓެލްކޯގެ ބިލިން ކައުންޓަރުތައް ބަންދުކޮށްފައި ވުމާއެކު، ބިލު ދައްކާ ފަރާތްތަކުން އެކުންފުނީގެ މޮބައިލް އެޕްލިކޭޝަނާއި ވެބްސައިޓު ބޭނުންކުރުމަށް އެކުންފުނިން ވަނީ އެދިފައެވެ. އަދި ކަސްޓަމަރުންނަށް ފަސޭހަ އަދި އަވަސް ހިދުމަތެއް ދިނުމަށްޓަކައި ސްޓެލްކޯއިން ވަނީ އެކުންފުނީގެ ވެބްސައިޓުން އެއްފަހަރާ އެއްބިލަށް ވުރެ ގިނަ ބިލަށް ފައިސާ ދެއްކޭ އިންތިޒާމު ވެސް ހަމަޖައްސައިދީފަ އެވެ.