ނަރުދޫ އަމާޒު ބޯޓުގެ ފަޅުވެރިއަކު ޕޮޒިޓިވްވެއްޖެ

Amaazu Boat

ށ. ނަރުދޫ އަމާޒް ބޯޓުގެ ފަޅުވެރިއެއް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އަމާޒު ބޯޓުގެ ފަޅުވެރިއެއް ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓް ކުރުމުންނެވެ.

ނަރުދޫ ކޯވިޑް ޓާސްކް ފޯހުގެ އޮފިޝަލެއް "ތިލަދުން"އަށް ވިދާޅުވީ މާލެއަށް ކުރި ދަތުރަކަށްފަހު އެ ބޯޓު ނަރުދޫގައި ބަނދަރު ކުރީ މީގެ ތިން ދުވަސް ކުރިންކަމަށެވެ.

"ކައުންސިލާއި، ސިއްހީ މަރުކަޒާއި، ޓާސްކް ފޯހާއި ދެންވެސް މި މަސައްކަތުގައި ޝާމިލް ފަރާތްތަކުން ނިންމާފައިވާ ގޮތަށް އެ ބޯޓުން އެއްވެސް ފަޅުވެރިއަކަށް ރަށު ތެރެއަކަށް ނޭރޭނެ، ރަށުން ވެސް މީހަކަށް އެ ބޯޓަކަށް ނޭރޭނެ، މުދާ ބާލަން ވެސް އޮންނާނެ އުސޫލެއް، އަމަލު ކުރެވިފައި ވަނީ އެގޮތަށް، ދެން އެ ބޯޓުގެ ފަޅުވެރިއެއްގެ ކިބައިން އަލާމާތް ފެނިގެން އެންގީމަ ޓެސްޓް ކުރީ" އެ އޮފިޝަލް ބުންޏެވެ.

އެ ބޯޓުގައި ތިބީ ފަސް ފަޅުވެރިންނެވެ. އޭގެ ތެރެއިން އެކަކު ޕޮޒިޓިވްވުމުން ޕޮޒިޓިވްވި މީހާ ރަށުތެރޭން އެކަހެރި ގެޔަކަށް ކަރަންޓީނަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އެ އޮފިޝަލް ބުންޏެވެ. އަދި އިތުރަށް ބަލަންޖެހޭ ކަންކަން ވެސް ދަނީ ބަލަމުން ކަމަށް ވެސް އޭނާ ބުންޏެވެ.

"މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް ވީމަ އަޅުގަނޑުމެން އެ ބޯޓު އޮތް ސަރަހައްދުން 100 ފޫޓް 50 ފޫޓްގެ ސަރަހައްދެއް ވަކިކޮށްލާފައި ވާނެ، ބޯޓު މީހުންނަށް އެ ސަރަހައްދުން ބޭރަކަށް ނުދެވޭނެ، ޖޯލިފަތި ބަހައްޓާލައިގެން އެތާ މަޑުކޮށްލެވޭނެ، އެ ބޯޓުން ފަޅުވެރިއެެއް ޕޮޒިޓިވްވި ނަމަވެސް އެޅިފައިވާ ފިޔަވަޅުތަކާއެކު ރަށުތެރެއަށް ބަލި ދިޔުމުގެ ފުރުސަތެއް ނެތް ކަމަށް ގަބޫލު ކުރަނީ" އެ އޮފިޝަލް ބުންޏެވެ.

ރާއްޖެއަށް ކޯވިޑް ފެތުރެންފެށިތާ އެންމެ ކުރީކޮޅު ނަރުދޫ އަމާޒު ބޯޓުގެ ކެޕްޓަން ކޯވިޑަށް ޕޮޒިޓިވި ހާދިސާއަކީ ކޯވިޑާއި ގުޅޭ ރާއްޖޭގެ ތާރީޚީ ހާދިސާއެއްގެ ގޮތުގައި ފާހަގަ ކޮށްލެވެއެވެ. އެއީ ފުރަތަމަ އަތޮޅަކުން އެއްފަހަރާ އެންމެ ގިނަ މީހުން ޕޮޒިޓިވްވި ފަހަރެވެ.

އަމާޒު ބޯޓުގެ ކެޕްޓަން ކޯޑަށް ޕޮޒިޓިވްވިކަން އެނގުނީ 25 އޭޕްރިލް 2020 ވަނަ ދުވަހުއެވެ. އެ ބޯޓު މާލެއިން ފުރީ މާލެ ފުރަ ބަންދު ކުރި ދުވަސް ކަމަށްވާ 15 އޭޕްރިލް 2020 ވަނަ ދުވަހުއެވެ.

ކެޕްޓަން ހިމެނޭހެން ނަރުދޫން އެ ބައްޔަށް ޕޮޒިޓިވްވި 11 މީހުން މުޅިން ބަލިން ރަނގަޅުވެ ރަށަށް ބަދަލުކުރީ 2020ވަނަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުއެވެ.

ކެޕްޓަން ކޯވިޑަށް ޕޮޒިޓިވްވި ދަތުރުގައި އަމާޒު ބޯޓުންވަނީ އުތުރުގެ 13 ރަށަކަށް ނިސްބަތްވާ 98 މީހަކު ދަތުރުކޮށްފައެވެ. އެކަމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށްތައް މޮނިޓަރިންގއަށްލައި، ގުޅުންހުރި މީހުން ކޯވިޑަށް ޓެސްޓްކުރިއެވެ. އަމާޒު ބޯޓުގެ ކޭހާއި ގުޅިގެން އިތުރު ރަށަކުން މީހަކު ޕޮޒިޓިވްވެފައި ވަނީ ށ. މިލަންދޫން އެކަންޏެވެ. އެމީހާ ޕޮޒިޓިވްވެފައި ވާކަން އެނގުނީ 28 އޭޕްރިލް 2020 ގައެވެ.

25 އޭޕްރިލް 2020 ވަނަ ދުވަހު އަމާޒު ބޯޓުގެ ކެޕްޓަން ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން، އެޗްޕީއޭއިން އެރަށް މޮނިޓަރިންގ ހާލަތަށް ގެނެސްފައި އޮތް އޮތުން 34 ދުވަސް ފަހުން ނިމުމަކަށް ގެނައީ 29 މެއި 2020 ވަނަ ދުވަހުގެ ރޭ 23:35 ގައެވެ. އަދި އަމާޒު ބޯޓުގެ ދަތުރުތައް އަލުންފެށީ 3 ޖޫން 2020 ގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ނަރުދޫބައެއްމީހުންގެ ފޭސްބުކް އެކައުންޓުތަކުން ބުނާގޮތުން ހީވަނި ރާއްޖެތެރެއަށް ކޯވިޑް ފެތުރެންއޮތް ހަމައެކަނި މަގަކީ އަމާޒުބޯޓުހެން އެކަމަކު މިހާރު ރާއްޖޭގެ 70 އަށްވުރެ ގިނަރަށް މޮނިޓަރިންގަ އޮތްއިރު އޭގެތެރޭގަ ހިމެނެނީ އަމާޒުބޯޓު ދަތުރުކުރާ ދެރަށެއްކަމަށްވަނި އެމީހުންގެ ގޭގެއަށްވެސް އެބޯޓުންގެންނަ އެއްވެސް މުދަލެއްވެސް ނުވައްދާކަމަށްވޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި