ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން އޮތީ މިއަދު މެންދުރުކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ. އަދި މި ބައްދަލުވުމުގައި އެ ދެ ބޭފުޅުން ވަނީ މާލެ ސިޓީގެ ހާލަތާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށް އެ އޮފީހުން ވިދާޅުވެއެވެ.
އެގޮތުން މާލެ ސިޓީއަކީ އަމާން ތަނަކަށް ހެދުމަށް ކުރެވެން ހުރި ކަންތައްތަކާއި، މާލެ ސިޓީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެކަންކަން ހައްލުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާއި، ގުޅޭ ގޮތުން ފުޅާ ދާއިރާ އެއްގައި މަޝްވަރާ ކުރެއްވެވިއެވެ.
މިބައްދަލުވުމުގައި މޭޔަރު ޑރ. މުޢިއްޒު ވަނީ މާލެ ސިޓީ ކައުންސިލުން މިހާރު ކުރަމުން ގެންދާ މައިގަނޑު މައްސައްކަތްތަކާއި، އަދި ކުރިއަށް ރާވާފައިވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރަައްވާފަ އެވެ. އަދި އެ ކަންތައްތައް ސަރުކާރާއި ގުޅިގެން ކުރިއަށް ގެންދެވުމަށް ބޭނުންފުޅުވާ ކަންފާހަގަ ކުރައްވައި، ސަރުކާރަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމުގެ ޔަޤީންކަންވެސް މޭޔަރު މުއިއްޒު ދެއްވިކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން މާލެ ސިޓީ ކަންސިލުން މާލޭގެ ކުރިއެރުމަށާއި، މާލެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކުރައްވާ ހުރިހާ މަސައްކަތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.
މާލޭސިޓީގެ މޭޔަރުކަމާއި ޑރ. މުއިއްޒު ހަވާލުވެވަޑައިގެން އެމަނިކުފާނުގެ އިންތިޚާބުގެ ވައުދުތަކާއިއެއްގޮތަށް ވަނީ ގިނަ މަސައްކަތް ތަކެއް ވަނީ ފައްޓަވާފައެވެ. ކެމްޕޭނުގެ ދުވަސް ޑރ. މުޢިއްޒު ވަނީ މާލޭ ސިޓީގެ ރައްޔިތުންނަށް މަންފާ ކުރުވަނިވި ކޮންމެ ކަމެއްގައި ސަރުކާރަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!