ދިވެހި ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު މެނޭޖުކުރުމުގައި ސަރުކާރު ފެއިލް ނުވާކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ ކޯވިޑްގެ ހާލަތާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ތަކުރާރުކޮން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

Ad
rt

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ރާއްޖޭގައި ކޯވިޑަށް ފަރުވާދޭނެ ތަންތަނުގެ ދަތިކަމެއް ނެތްކަމަށާ، ދަތިކަން އޮތީ ފަރުވާދޭނެ ޚިދުމަތްތެރިންގެ ޢަދަދު މަދުވުމުގައިކަމަށެވެ.

"ކޯވިޑް މެނޭޖް ނުކުރެވިގެން ސަރުކާރު ފެއިލްވެފައިވާކަމަށް ގަބޫލުފުޅު ނުކުރައްވަން، އެންމެ ފުރަތަމަ ރާއްޖެއިން ކޯވިޑް ފެނުނު ދުވަހުން ފެށިގެން މިހާތަނަށް ކުރެވެނު މަސައްކަތްތަކުން ގިނަ އެނދުތަކެއް ތައްޔާރު ކުރެވި ވަސީލަތް ގާއިމްކުރެވިފޭ" މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ހުޅުމާލޭގައި މިހާރު ހުރި އެނދުތަކާއި އަސީޔޫއާއި ވެންޓިލޭޓަރު އެނދުތަކާއެކު މިސަރަހައްދުގައި އެކަށީގެންވާ ވަރަށް ފަރުވާދޭނެ ވަސީލަތްތައް އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެ އިތުރު އިންސާނީ ވަސީލަތް މިވަގުތު ބޭނުންވާކަން ފާހަގަ ކުރެއްވި އެވެ. އެގޮތުން އަވަށްޓެރި ޤައުމުތަކުންވެސް އެ އެހީތެރިކަން ރާއްޖެއަށް ހޯއްދެވުމަށް އެދިވަޑައިގެންފައިވާނެކަމަށާ، ނަމަވެސް މިހާތަނަށް އެ އެހީތެރިކަން ލިބުމުގައި ދަތިވެފައިވަނީ އެހެންޤައުމުތަކުގެ ހާލަތުވެސް ގޯސްވެފައިވުމުގެ ސަބަބުންކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ އިންސާނީ ވަސީލަތް ހޯދުމުގެ އެހީތެރިކަން ބަންގްލަދޭޝާއި އިންޑިއާގެ ކިބައިން އެދިފައިވާނެކަމަށެވެ. ރައީސް ވިދާޅުވީ އަންނަ މަހުގެތެރޭގައި 40 ޑޮކްޓަރުންނާއި 100 ނަރުހުން ރާއްޖޭގެ ސިއްޙީ ޚިދުމަތާ ގުޅޭނެކަމަށެވެ.

ހުޅުމާލޭ ފެސިލިޓީގައި ކޮންމެ 10 ބަލިމީހަކަށް މިވަގުތު ފަރުވާދެމުންދަނީ ނަރުހަކާއި، އެހީތެރިއެއް ކަމަށާ، މިއީ މަދު ޢަދަދެއްކަމަށް ގަބޫލުފުޅުކުރައްވާކަމަށާ، ނަމަވެސް ކުރިއަށް އޮތް ތަނުގައި އިތުރު މީހުން ލިބުމުން މިކަން ހައްލު ވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި މިހާރުވެސް ވެންޓިލޭޓަރާއި، އޮކްސިޖަންވެސް ބޭނުންވާ ވަރަށް އެބަހުރިކަމަށާ، އެކަމުގައިވެސް އެއްވެސް ދައްޗެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.