ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ދެވަނަ ޑޯޒް މާލަސްނުވެ ޖެހޭނެ އިންތިޒާމްތަކެއް ހަމަޖެއްސޭއްތޯ ރެޔާއި ދުވާލު މަސައްކަތްކުރަށްވަމުން ގެންދަވާ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ، ރާއްޖެގެ ކޯވިޑްގެ ހާލަތާއިގުޅޭ އެންމެފަހުގެ މައުލޫމާތު ހާމަކުރެއްވުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Ad
rt

މިނިސްޓަރު ވިދާޅުވީ، މިދުވަސްތަކަކީ އެންމެނަށް ވެސް ވަރަށް ހިތާމައާއި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ދުވަސްތަކެއް ކަމަށެވެ. އަދި ގިނަ ބަޔަކަށް ވަނީ ގިނަގުނަ ވޭންތަކަކާއި، ދަތިތަކަކާއި ކުރިމަތިވެފައި ކަަމަށް ވިދާޅުވިއެވެ.

މިއީ ހިތްވަރާއި ކެތްތެރިކަން އިސްކޮށް ހިތްމަތާއި ސާބިތުކަމާއެކު މިހާލަތުން އަރައިގަތުމަށް އެންމެން އެކުގައި އަތުކުރި އޮޅާލައިގެން ކުރިއަށްދާން ޖެހިފައިވާ ދަނޑިވަޅެއް ކަމަށް ވެސް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑްގެ ކަންކަން މެނޭޖް ކުރުމަށް ކުރިއެރުންތަކެއް ހޯދިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިގޮތުން ބެޑް ކެޕޭސިޓީއާއި، ޓެސްޓިން ކެޕޭސިޓީ އިތުރުކުރެވިފައިވާކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އެންމެ ބޮޑަށް ދަތިވެފައިވަނީ ނަރުހުންގެ ދަތިކަންކަން ފާހަގަކުރަށްވާ ނަރުސް ޓްރެއިންހަދާ ކުދިން މަސައްކަަތަށް މިހާރު ނެރެފައިވާ ކަމަށް ވިދާޅުވިއެވެ.

"ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ދެވަނަ ޑޯޒް މާލަސްނުވެ ޖެހޭނެ އިންތިޒާމްތަކެއް ހަމަޖެއްސެއްތޯ އަޅުގަނޑުމެން މިދަނީ ރެޔާދުވާލު މަސައްކަތް ކުރަމުން، އިރާދަ ކުރެއްވިއްޔާ ފޮރިން މިނިސްޓްރީގެ އަދި ހާއްސަގޮތެއްގައި ފޮރިން މިނިސްޓަރުގެ އެހީފުޅުގެ ދަށުން މިކަންތައް ކާމިޔާބުވެގެން ދާނެ،"

މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ވެކްސިން ނުޖަހާތިބި އެންމެން ވެކްސިން ޖަހުމަށް ވެސް އިލްތިމާސް ކުރަށްވާފަ އެވެ. އެއީ ޗައިނާ ވެކްސިން ނަމަވެސް ލިބެންހުރި ވެކްސިކްނެއް ޖެހުމަށް އޭނާ އެދިވަޑައިގަތެވެ. އަދި އެންމެ ފަހުން ނިޔާވި 15 މީހުންގެ ތެރެއިން ވެކްސިން ފުރިހަމަކޮށްފައި ވަނީ އެންމެ 4 މީހުން ކަމަށާއި، އެހެން ނުހެދުމަށް މިނިސްޓަރު އެދި ވަޑައިގަތެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ، ގައުމީ ކާރިސާއަކުން އަރައިގަތުމަށް އެެންމެން އެކުގައި މަސައްކަތްކުރާ ތަން ފެނުމަކީ ލިބިލައްވާ ވަރަށް ބޮޑު އުފަލެއްކަމަށާއި، މިހާލަތުން އަރައިގަތުމަށް ރާއްޖެއަށް އޮތް އެންމެބޮޑު އުންމީދަކީ ވެސް އެއީ ކަމަށެވެ.

ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ދެވަނަ ޑޯޒް މާލަސްނުވެ ޖެހޭނެ އިންތިޒާމްތަކެއް ހަމަޖެއްސޭއްތޯ ރެޔާއި ދުވާލު މަސައްކަތްކުރަށްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއިރު، ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ނުޖެހި 95 ހާހަށްވުރެ ގިނަ މީހުން ތިބިކަމަށް މައުލޫމާތު ލިބެއެވެ.