ހދ.ކުމުންދޫ ކައުންސިލާއި އެރަށު ބީޗްސިޓީ ސްޕޯޓްސް ކުލަބް ގުޅިގެން "ބީސީއެސްސީ އޮފީސް ފުޓްސަލް ޗެލެންޖް 2021" ގެ ނަމުގައި ކުރިއަށް ގެންދާ ފުޓްސަލް މުބާރާތުގެ ފައިނަލަށް އެމްޑަބްލިއުއެސްސީ އަދި ކުމުންދޫ ފެނަކަ ކޯޕަރޭޝަން ދަތުރު ކޮށްފިއެވެ.
މި މުބާރާތުގެ ފައިނަލަށް އެމްޑަބުލިއުއެސްސީގެ ޓީމް ދަތުރު ކޮށްފައިވަނީ އެ ޓީމް މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް ޖުމަލް 12 ޕޮއިންޓް ހޯދައިގެން ޕޮއިންޓް ތާވަލުގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. އެމްޑަބްލިއުއެސްސީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ނަތީޖާއަށް ބަލައިލާއިރު މުބާރާތުގައި އެ ޓީމް ފުރަތަމަ ވާދަކޮށްފައިވަނީ ކުމުންދޫ ކައުންސިލް ޓީމާއެވެ.
އެ މެޗު އެމްޑަބްލިއުއެސްސީގެ ޓީމް ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއިންނެވެ. ދެވަނަ މެޗުގައި ފެނަކަ މައްޗަށް 1-0 ގެ ނަތީޖާއިން ކުރިހޯދިއިރު ތިންވަނަ މެޗުގައި އެމްޑަބްލިއުއެސްސީގެ ޓީމް ވަނީ ހެލްތު ސެންޓަރގެ ޓީމު 3-0 ގެ ނަތީޖާއިން ބަލިކޮށްފައެވެ. ގްރޫޕް ސްޓޭޖް ފަހު މެޗު ކުމުންދޫ ސްކޫލާއި ވާދަކޮށް 6-1 ގެ ތަފާތުބޮޑު ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ އެމްޑަބްލިއުއެސްސީގެ ޓީމެވެ.
މުބާރާތުގެ ފައިނަލަށް ކުމުންދޫ ފެނަކަ ކޯޕަރޭޝަން ދަތުރު ކޮށްފައިވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް ލިބުނު 9 ޕޮއިންޓާއިއެކު ތާވަލުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
ފެނަކަ ޓީމް މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައިވަނީ ކުމުންދޫ ސްކޫލް ޓީމާއެވެ. މި މެޗު 4-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ފެނަކައެވެ. ދެވަނަ މެޗުގައި 1-0 ގެ ނަތީޖާއިން އެމްޑަބްލިއުއެސްސީ އަތުން ފެނަކަ ބަލިވިއިރު، ތިންވަނަ މެޗު 4-0 ގެ ނަތީޖާއިން ފެނަކަ ވަނީ ކުމުންދޫ ހެލްތު ސެންޓަރގެ ޓީމް ބަލިކޮށްފައެވެ. އަދި ފަހު މެޗު ވެސް ފެނަކައިން ވަނީ 4-0 ގެ ނަތީޖާއިން ކުމުންދޫ ކައުންސިލުގެ މައްޗަށް ކުރި ހޯދާފައެވެ.
އެމްޑަބްލިއުއެސްސީ އަދި ފެނަކަ ބައްދަލުކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިބަނީ 26 މެއި 2021 ބުދަ ދުވަހުގެ ހަވީރު 16:15 ގައި ކުމުންދޫ ފުޓްސަލް ދަނޑުގައެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ 2012 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ފެންވަރުގައި ހިންގޭ އަދި ރަށު ފެންވަރުގައި ހިންގޭ ގިނަ ފުޓްބޯޅަ އަދި ފުޓްސަލް މުބާރާތްތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޑައިރެކްޓް ލޮޖިސްޓިކްސް ސާވިސްއެވެ. މި މުބާރާތުގެ ކޯސްޕޮންސާރސް އަކީ ބެސްޓް ބަޑީ އަދި ފެނަކައެވެ. މި މުބާރާތުގެ ޑްރިންކިން ޕާޓްނަރަކަށް ލޮޓަސްފިހާރަ ހަމަޖައްސާފައިވާއިރު، އެމްޑބްލިއުއެސްސީއަކީ ވެސް މި މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ. މި މުބާރާތުގެ މީޑީއާ ޕާޓްރަނަކީ ތިލަދުން އޮންލައިން ނޫހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!