ރާއްޖޭގެ އިދިކޮޅު ފަރާތްތައް ކަންބޮޑުވެގެން އުޅުނީ ރާއްޖޭގައި އޮތް ކޯވިޑްގެ ހާލަތުގެ ސަބަބުން ނޫންކަމަށާއި، އިދިކޮޅުން ބޭނުންވީ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް ޔާމީން އަބުދުލްގައްޔޫމަށް ކޯވިޑް ޖެހިދާނެތީ ޖަލުން ގެޔަށް ބަދަލުކުރަން ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (އިބްރޭ) ވިދާޅުވެއްޖެއެވެ.

އިބްރޭ މިހެން ވިދާޅުވީ، މަޖިލީހުގެ 2021 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 5 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ.

Ad
rt

އިބްރޭ ވިދާޅުވީ، މިއީ ވާދަވެރި ފަރާތްތަކުން ވެސް އެކުވެރިވާންވީ ވަގުތު ކަމަށެވެ. މި ތިބީ ނުރައްކާތެރި ހާލަތެއްގެ ތެރޭގައި ކަމަށާއި، އޮޑިއަކަށް އަރައިގެން ފެތިގެންދާއިރު އެންމެން އެކުގައި ކުރާ މަސައްކަތުން ނޫނީ އެ އޮޑިއެއް ސަލާމަތެއް ނުކުރެވޭނެ ކަމަށް އިބްރޭ ވިދާޅުވިއެވެ.

"އެ ބޭފުޅުން ކިޔަމުން ގެންދެވީ، އަޅުގަނޑުމެން ފައިސާ ޗާޕުކުރަނިއްޔޭ. ނުވަތަ މިހާރު އެ ބޭފުޅުން އެ ކިޔަމުންދަނީ އަދިވެސް މަދޭ ތިމަންނަމެންނަށް ޚަރަދުކުރާވަރު. ތިމަންނަމެން ޓެސްޓު ހަދަން، ރަށުގައި ހަދަން ބޭނުމޭ، ވެކްސިން އުފައްދަން ބޭނުމޭ، ކިހިނެއްތޯ އެކަންތައް އެހެން ވާނީ މިއީ ހުރިހާ ކަމަކީ ވެސް ފައިސާ ބޭނުންވާ ކަންތައް. އެ ބޭފުޅުން ކުރަން ބޭނުންވީ އެންމެކަމެއް. އެ ބޭފުޅުންގެ ލީޑަރު ގެއަށް ގެންނަވަން، ކޯވިޑު ޖެހިދާނެތީ ޖަލުގައި ނުބަހައްޓަން. އެ ބޭފުޅުން އެ ކަންތައްކުރެއްވީ." އިބްރޭ ވިދާޅުވިއެވެ.

އިބްރޭ ވިދާޅުވީ، މިހާރު އެ އިދިކޮޅު ފަރާތްތަކުން ދައްކަވަނީ މުޅިން އެހެން ވާހަކައެއް ކަމަށެވެ. މިގޮތުން ރާއްޖެއަށް އިންޑާއިން ކޯވިޑް ވެކްސިން ގެނެސް ޖަހަން ފެށުމުން އެއީ އިންޑިއާއިންގެނައި ޖަނަވާރުގެ ވޭސްޓް ނުވަތަ ޖަނަވާރުގެ ނަޖިސް ކަމަށް އިދިކޮޅުން އަޑުފެތުރިކަމަށް އިބްރޭ ވިދާޅުވިއެވެ. އަދި އެ ވެކްސިން ޖަހަން އިދިކޮޅުން ބިރު ގަންނަކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަމަކު މިއަދު ކިހިނެއްތޯ، ކޯވިޑު ވެކްސިން ނެތިގެން އެ ބޭފުޅުން އެ ދުވަނީ. ރާއްޖެއަކު ވެކްސިނެއް ނެތޭ. އެހެންވީމާ، މި ކަންތައްތަކާ އެއްޗެހި، އެ ބޭފުޅުން ވެސް މިސާލަކަށް އަޅުގަނޑުމެންނާ އެއްބައިވެގެން، އަޅުގަނޑުމެންނާ އެކީގައި ވާހަކަދައްކައިގެން އެ ބޭފުޅުން ވެސް އަޅުގަނޑުމެންނާއެކު މިކަމުން އަރައިގަނެވޭތޯ އުޅެންވީ، ކޯވިޑް ޖެހެންވީމައް ޕީ.ޕީ.އެމް މީހެއް، އެމް.ޑީ.ޕީ މީހެއް ނޯވޭ، ހަމަ ކޮންމެ މީހަކަށް ވެސް ޖެހޭ، މި ހާލަތު ދިމާވޭ. އެހެންވީމާ، އަޅުގަނޑުމެން މިހާލަތުގައި، މި ދުނިޔެއަށް ދިމާވެފައި އޮތް މި ދަތިއުނދަގޫ ހާލަތުގައި އަޅުގަނޑުމެން ސަރުކާރަށް އެހީތެރިވެ، އެބޭފުޅުން އެއްބާރުލުންދީ، މިކަމުން އަރައިގަތުމަށް އެކީގައި މަސައްކަތްކުރުމަށް އަޅުގަނޑު ދަންނަވަން." އިބްރޭ ވިދާޅުވިއެވެ.

އިބްރޭ ވިދާޅުވީ ގައުމުގެ ރައްޔިތުންނަށް ޓަކައިވެސް އިޤްތިޞާދު ގޯސްވިޔަނުދީ ހިފަހައްޓަން ޖެހޭ ކަމަށެވެ. އެހެންކަމުން މިހާލަތުން އަރައިގަތުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް އިބްރޭ ގޮވައިލެއްވިއެވެ.