ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން އިއްޔެ ވަނީ ފަށާފައެވެ. ލީގުގައި އިއްޔެ ދެ މެޗް ކުޅެފައި ވާއިރު އިއްޔެ ހަވީރު ކުޅުނު މެޗްގައި ބައްދަލު ކުރީ ކްލަބް އީގަލްސް އަދި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އެވެ.

ގިނަ ގޯލްތަކެއް ވަނީ ފެނިގެން ދިޔަ އީގަލްސް އަދި ޔުނައިޓެޑް ވިކްޓްރީ ބައްދަލުކުރި މެޗް ނިމުނީ 4-4 ން ދެޓީމް އެއްވަރު ވެގެނެންނެވެ. މެޗްގެ ފުރަތަމަ ހާފްގައި އީގަލްސް ބޮޑު ލީޑެއް ނެގި ނަމަވެސް ޔޫވީން ވަނީ ފަހަތުން އަރާ ނާތީޖާ ހަމަހަމަ ކޮށްފައެވެ. ފުރަތަމަ ހާފް އީގަލްސްއިން ނިންމާލީ ތިން ގޯލްގެ ލީޑެއްގައި އޮވެގެންނެވެ.

Ad
rt

އީގަލްސްގެ ތިން ގޯލްގެ ތެރެއިން ދެ ގޯލް ކާމިޔާބުކުރި އަހުމަދު ރިޒުވާންއެވެ. އަނެއް ގޯލް ކާމިޔާބުކުރީ އަލީ ފާސިރުއެވެ. ރިޒުވާން އަދި ފާސިރު ވަނީ ލީގުގެ ކުޅުން އަލުން ފެށުމުގެ ކުރިން ގައުމީ ޓީމު ކުޅުނު މެޗްތަކަށް ސްކޮޑްގައި ހިމެނި ނަމަވެސް ޓީމުގައި ބައިވެރި ނުވުމުގެ ސަބަބުން އެކަމުގެ އަދަބެއްގެ ގޮތުން ފޫޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އިން ކޮންމެ ކުޅުންތެރިއަކު 50000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. މިމެޗްގައި އެދެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ލިބުނީ އީގަލްސްއިން ޖޫރިމަނާ ފައިސާ ދެއްކުމުންނެވެ.

ދެވަނަ ހާފަށް ޔޫވީ ނުކުތީ އިތުރު ހިތްވަރަކާއިއެކު އަދި ފުރަތަމަ ހާފްގައި ހެދުނު ގޯސްތަށް ތަކުރާރު ނުކުރުމަށާއި މެޗްގެ ނަތީޖާ ބަދަލުކޮށްލުމުގެ ވަރުގަދަ ރޫހުގައެވެ. އޭގެ ނަތީޖާއަކަށްވީ ޔޫވީގެ ބިދޭސީ ފޯވަޑް ސިވިޗް ކީރްލޯ ދެވަނަ ހާފްގެ ކުރީކޮޅު ގާތްގާތުގައި ދެ ގޯލް ކާމިޔާބުކޮށް 3-2 ށް ނަތީޖާ ބަދަލުކޮށްލުމުންނެވެ. ސިވިޗް ކީރްލޯ ގެ ފުރަތަމަ ގޯލް މެޗްގެ 51 ވަނަ މިނިޓްގައި ފެނިގެންދިޔައިރު ދެވަނަ ގޯލް ފެނިގެންދިޔައީ 58 ވަނަ މިނިޓްގައެވެ.

ސިވިޗް ޔޫވީއަށް ކާމިޔާބުކުރި ދެ ގޯލްގެ ތެރެއިން އެއްގޯލަކީ ޔޫވީއަށް ލިބުނު ޕެނެލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ. އީގަލްސްގެ މުހައްމަދު ނާއިމް ވަނީ ޔޫވީން ދެވަނަ ގޯލްޖެހާ ހަމަޖެހި ނުލެވި އުޅެނިކޮށް އޭގެ މިނިޓެއްފަހުން މެޗްގެ 59 ވަނަ މިނިޓްގައި އީގަލްސްއަށް ފަރަގު ބޮޑުކޮށްދީފައެވެ. ނަމަވެސް އީގަލްސްއަށް ލީޑުގައި އޮވެވޭ ވަރުވީ ވިއްސަކަށް މިނިޓްއެވެ. ބަދަލުކުޅުން ތެރިއެއްގެ ގޮތުގައި އަރާ މުހައްމަދު މިރާހް ވަނީ ދެ ގޯލް ޖަހާ މެޗްގެ ނަތީޖާ 4-4 ށް ބަދަލުކޮށްފައެވެ. މިރާހްގެ ގޯލްތައް ފެނިގެން ދިޔައީ މެޗްގެ 71 އަދި 78 ވަނަ މިނިޓަގައެވެ.

މެޗަށްފަހު އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް ބުނެފައިވަނީ ބޮޑު ލީޑެއްގައި އޮވެ މެޗް ކާމިޔާބު ނުކުރެވުނީ ފަރުވާކުޑަވެގެން ހެދި ގިނަ ގޯސްތަކެއްގެ ސަބަބުން ކަމުގައެވެ. ޔޫވީގެ ކޯޗް ނަޒީހު ބުނީ ނަތީޖާ އާއި މެދު ހިތްހަމަޖެހެ ކަމަށާއި ދެވަނަ ހާފްގައި ދެއްކި ކަހަލަ ކުޅުމެއް ފުރަތަމަ ހާފްގައި ދެއްކިނަމަ ނަތީޖާ މިއަށްވުރެ ތަފާތު ވާނެ ކަމަށެވެ.

އިއްޔެގެ މެޗުން ލިބުނު ޕޮއިންޓައިއެކު އީގަލްސް އޮތީ ކުޅުނު ހަތް މެޗުން 13 ޕޮއިންޓާއިއެކު ތާވަލްގެ ދެވަނައިގައެވެ. އަދި ޔޫވި އޮތީ ކުޅުނު ހަތް މެޗުން ލިބުނު ހަތް ޕޮއިންޓާއިއެކު ތާވަލްގެ ހަތްވަނާގައެވެ.