ހަނިމާދޫގެ ކޯވިޑްގެ ހާލަތާއިގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ފަސޭހަކަމާއި އެކު އެންމެހާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް "ރަށުހާލު" ގެ ނަމުގައި ވެބްސައިޓެއް ލޯންޗުކޮށްފިއެވެ.
ހަނިމާދޫ ކެތިއަރާ ޖަމްޢިއްޔާގެ ފަރާތުން ހަނިމާދޫ ސިއްހީ މަރުކަޒާއި ގުޅިގެން ތައްޔާރު ކޮށްފައިވާ މި ވެބްސައިޓް ލޯންޗު ކޮށްފައިވަނީ 24 މެއި 2021 ވީ ހޯމަ ދުވަހު ހަވީރު މިކަމަށްޓަކައި ހަނިމާދޫ ސިއްހީ މަރުކަޒުގައި ބޭއްވި ކުޑަކުޑަ ހަފްލާއެއްގައެވެ.
މި ވެބްސައިޓުން ލިބެން ހުންނަ މަޢުލޫމާތުތަކުގެ ތެރޭގައި އެ ވަގުތެއްގެ ހަނިމާދޫގައި ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދާއި، މިހާތަނަށް ޕޮޒިޓިވްވި ޖުމްލަ އަދަދާއި އަދި ބަލިން ރަނގަޅު ވީ މީހުންގެ އަދަދުގެ އިތުރުން ހޯމް ކަރަންޓީނުގައި ތިބި މީހުންގެ އަދަދު ވެސް ބަލައިލެވެއެވެ. އަދި ކަރަންޓީންގައި ހުރި ގޭތަކުގެ އަދަދުގެ އިތުރުން ކަރަންޓީނު ކޮށްފައިވާ ގެ ތަކުގެ ތަފްސީލް ވެސް މި ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެއެވެ.
ފޮޓޯ: ގޮއްކޮޅު
މީގެއިތުރުން ކޯވިޑް ބަލިން ދިފާއުވުމަށް ހަނިމާދޫގައި ކޮވިޝީލްޑް ވެކްސިން ޖެހި މީހުންގެ އަދަދާއި އަދި ސިނޮފާމް ވެކްސިން ޖެހި މީހުންގެ އަދަދުގެ އިތުރުން ވެކްސިންޖެހި މީހުންގެ ޖުމްލަ އަދަދު ވެސް މި ވެބްސައިޓުން ބަލައިލެވެއެވެ.
ތިލަދުން ނޫހަށް މަޢުލޫމާތު ދެއްވަމުން ކެތިއަރާ ޖަމްޢިއްޔާގެ ރައީސް އަލީ ނަދީމް ވިދާޅުވެފައިވަނީ ހަނިމާދޫގެ ކޯވިޑް ހާލަތު އަންގައިދޭ ޕްލެޓްފޯމެއް އުފެއްދުމުގެ އެންމެ ބޮޑު މަޤުޞަދަކީ ރައްޔިތުންނަށް ފަސޭހަކަމާއިއެކު ރަށުގެ ހާލަތު ބަލައިލުމުގެ ފުރުޞަތު ހޯދައިދިނުން ކަމަށެވެ.
ފޮޓޯ: ގޮއްކޮޅު
ނަދީމްވަނީ މި މަސައްކަތް ފުރިހަމަ ކުރުމަށް ރަށުގެ މުއައްސަސާތަކާތަކުން ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވާފައެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން މިކަމަށް ދެއްވި ފުރިހަމަ އެއްބާރުލުން ފާހަގަކިށް ނަދީމްވަނީ އެ ފަރާތަށް ހާއްޞަ ޝުކުރެއް ދަންނަވާފައެވެ.
މިވެބްސައިޓްގެ އެޑްރެހަކީ www.rashuhaalu.com/ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!