ރާއްޖެއިން ކޯވިޑް-19 ބަލީގައި އިތުރު ތިން މީހަކު ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ ދިވެހި ތިން ފިރިހެނުންނެވެ. އެއީ އުމުރުން 81 އަހަރުގެ މީހަކާއި، 77 އަހަރުގެ މީހަކާއި އަދި 58 އަހަރުގެ މީހެކެވެ.

Ad
rt

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ، ނިޔާވި އުމުރުން 81 އަހަރުގެ މީހަކީ ރޭ އައިޖީއެމްއެޗްގެ އެމާޖެންސީއަށް ގެންދެވުނު މީހެއް ކަމަށެވެ. އޭނާ ނިޔާވީ މެންދަމުން އަނބުރާ 2:02 ގައެވެ.

ނިޔާވި 77 އަހަރުގެ މީހާ ނިޔާވީ ރޭ 3:18ގައި ހުޅުމާލޭ ކޯވިޑް ފެސިލިޓީގައެވެ. 58 އަހަރުގެ މީހާ ވެސް ނިޔާވީ އެ ފެސިލިޓީގައި ފަތިހު 4:25 ގައެވެ. މި ދެމީހުންނަކީ އެ ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދެމީހުންނެވެ.

މިއާއިއެކު ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 132އަށް އަރާފައެވެ.

މިބަލީގައި އިއްޔެ ވެސް ވަނީ ހަ މީހަކު މިދުނިޔެ ދޫކޮށްފައެވެ.

މިއާއިއެކު މި މަހު އެކަނިވެސް 59 މީހަކު މިވަނީ މިބަލީގައި ނިޔާވެފައެވެ. މިބަލީގައި މިއަހަރު ނިޔާވި މީހުންގެ ޢަދަދަކީ 81 އެވެ.

ރާއްޖޭގެ މީހުން އުޅޭ 70 ރަށެއްގައި މިހާރު ވެސް ކޯވިޑް ބަލީގެ މީހުން އެބަތިއިރު، ރާއްޖެއިން މިހާތަނަށް 55،924 މީހަކަށް ވަނީ މިބަލި ޖެހިފައެވެ.

މިހާތަނަށް ބަލިން ރަނގަޅުނުވެ 23،464 މީހުން ތިބިއިރު، ހޮސްޕިޓަލްތަކުގައި 290 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.