ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ސަރަޙައްދުގައި ޚާއްޞަކޮށް އުތުރާއި މެދުރާއްޖެ ތެރޭގައި ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ.

މިގޮތުން ޢާންމުގޮތެއްގައި ގަޑިއަކު 13 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭއިރު ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވާނޭކަމަށާއި ބައެއްރަށްތަކަށް ބޯކޮށް ވާރޭވެހުމާއި އުދައިގެ އަސަރުކުރުންވެސް އެކަށީގެންވާކަމުގައި އެ އިދާރާއިން މައުލޫމާތުދެއްވައެވެ.

Ad
rt

މީގެއިތުރުންވެސް ރާއްޖެއާއިދުރުން ބަންގާޅު ކަނޑުގައި ކޮޅިގަނޑެއް އުފެދިފައިވާކަމަށާއި ކުރިއަށްއޮތް ވަގުތުތަކުގައި މި ކޮޅިގަނޑު ބާރުގަދަވެ ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު އޮތްކަމަށް ވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މައުލޫމަތުދެއްވައެވެ. އަދި އެ އިދާރާއިން ލަފާކުރައްވަނީ މި ކޮޅިގަނޑު ދަތުރުކުރާނީ އުތުރު ހުޅަނގު އުތުރުން ރާއްޖެއާއި ދުރަށް ކަމަށެވެ.

ނަމަވެސް ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނޭކަމަށް ލަފާކުރެވޭތީ ޢާންމު ރައްޔިތުންގެ މުދަލާއި ޢިމާރާތްތަކަށް ލިބިދާނޭ ގެއްލުމަކުން ރައްކާތެރިކުރުމަށް ދުރާލާ މަސައްކަތް ކުރުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އިލްތިމާސް ކުރަމެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭތީ ރައްކާތެރިކަމުގެގޮތުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން ދެއްވާފައިވާ ބައެއް އިރުޝާދުތައް ތިރީގައި ހިއްސާކޮށްލާނަމެވެ.

  • ވާރޭ ވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން.
  • ބޯކޮށްވާރޭވިހި ނުވަތަ އުދައިގެ ސަބަބުން ގެއަށް ފެން ނުވަންނާނެ ހެން ރައްކާތެރި ފިޔަވަޅު އެޅުން. މިގޮތުން ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން
  • ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވާނެ މުދާ ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުން. އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން.
  • ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ ކުރިޔާލާ ވައު ފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުން.
  • ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން.
  • ބޭނުންނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން.
  • ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ސަމާލުވުން. އަދި ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުއާސަލާތީ ނިޒާމް ފުރިހަމަކަން ޔަޤީންކުރުން.

ކުރިއަށްއޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯރސް (އެމްއެންޑީއެފް) އިންވެސް ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފަ އެވެ.

އެގޮތުން ކޮޅިގަނޑުގައި 50 މޭލާއި 60 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައިވާތީ ޚާއްޞަގޮތެއްގައި ފަޅުން ބޭރުގައި އަޅާފައިވާ އުނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން އޮޑިދޯނި ފަހަރު ބެލެހެއްޓުމާއި ހަވާލުވެ ތިބި މީހުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފްއިން އިލްތިމާސް ކުރައްވައެވެ.

"މިގޮތުން މިދިޔަ ގަދަ ވިއްސާރައިގައިވެސް ފަޅުން ބޭރުގައި އަޅާފައި ހުރި ގިނަ ޢަދަދެއްގެ އޮޑިފަހަރު ކަހާލައިގެން ގޮސް ފަރުމައްޗަށް ލައްގާފައިވާތީވެ މިކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އިލްތިމާސް ކުރަމެވެ."

އެމްއެންޑީއެފްގެ އިލްތިމާސްގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި އަދި އުޅަނދުގައި ލައިފްޖެކެޓާއި މުޢާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމާއި، ޚާއްޞަކޮށް ކުދި، ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު، އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް އިލްތިމާސް ކުރައްވާފައިވެއެވެ.

މުދާ އުފުލާ އުޅަނދުފަހަރުތަކުން ވެސް މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް އަމަލު ކުރުމާއި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށް ދަންނަވާފައިވެއެވެ. އަދި ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަ ހިއްކުމަށް ސަމާލުކަން ދިނުމަށް ވެސް ދަންނަވައެވެ.

ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެދިފައިވެއެވެ.