ހއ. މުރައިދޫން އިތުރު 10 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
އަލަށް ޕޮޒިޓިވްވި މީހުންނާއެކު، އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 23 އަށް އިތުރުވެފައެވެ.
މުރައިދޫއަށް ކޯވިޑްގެ ބިރުވެރިކަން ކުރިމަތިވެފައި މިވަނީ، ކޯވިޑް ބަލީގެ އަލާމާތްތައް ފެނިގެން އެރަށު ސިއްހީ މަރުކަޒަށް ދެއްކި މީހަކު މިމަހުގެ 18 ވަނަ ދުވަހު ޕޮޒިޓިވްވުމުންނެވެ. އެ މީހާއަކީ ޓްރެވަލް ހިސްޓްރީއެއް ވެސް ނެތް މީހެކެވެ.
މުރައިދޫ ކައުންސިލުން ވިދާޅުވިގޮތުގައި މިހާތަނަށް އެރަށުން ކޯވިޑަށް ޓެސްޓް ކުރުމަށް 175 ސާމްޕަލެއް ނަގާފައިވާއިރު، އަދި 17 ސާމްޕަލެއްގެ ނަތީޖާ ނުލިބެއެވެ.
މި ކޭސްތަކާއި ގުޅިގެން އެރަށުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު، 22 ގެއެއް ވަނީ ކަރަންޓީނު ކޮށްފައެވެ.
ޓްރެވަލް ހިސްޓްރީއެއް ވެސް ނެތް މީހަކު ޕޮޒިޓިވްވުމުން މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން އެރަށް އޮތީ މޮނިޓަރިން ހާލަތުގައެވެ.
މުރައިދޫން އިތުރު ބަޔަކު ޕޮޒިޓިވްވެފައިވާއިރު، އިއްޔެ މުޅިރާއްޖެއިން ވަނީ އިތުރު 1،960 މީހަކު އަލަށް މިބަށްޔަށް ޕޮޒިޓިވްވެފައެވެ. މީގެތެރެއިން 1،518 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. 431 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ރަށްތަކުންނެވެ.އަދި ރިސޯޓަކުންވެސް 11 މީހަކު ޕޮޒިޓިވްވެފައިވެއެވެ.
މިހާތަނަށް ރާއްޖޭގެ 54،365 މީހަކަށް މި ބަލިޖެހިފަވާއިރު، މިވަގުތު ރާއްޖޭގައި މިބަލިން ރަނގަޅު ނުވެ ތިބީ 22،421 މީހުންނެވެ.
މިބަލީގެ ސަބަބުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށް 294 މީހަކަށް ފަރުވާ ދެމުންދާއިރު، އޭގެ ތެރެއިން 16 މީހަކު އޮތީ އައިސީޔޫގައެވެ. 8 މީހަކު އޮތީ ވެންޓިލޭޓަރުގައެވެ.
މިބަލީގައި މިމަހު އެކަނިވެސް މިހާތަނަށް 50 މީހުން ނިޔާވެފައިވާއިރު، މިހާތަނަށް ޖުމްލަ 123 މީހަކު ވަނީ ނިޔާވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!