ހއ. މުރައިދޫއިން އަނެއްކާ ވެސް އިތުރު 6 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
މެއި 20 ވަނަ ދުވަހު ވެސް އެރަށުން ވަނީ 6 މީހަކު ޕޮޒިޓިވްވެފައެވެ. މިއާއިއެކު މުރައިދޫގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 13 އަށް އަރާފަ އެވެ.
އެރަށުން ފުރަތަމަ މީހަކު ޕޮޒިޓިވްވީ މެއި 18 ވަނަ ދުވަހުއެވެ. އެއީ ކޯވިޑް-19ގެ އަލާމާތްތައް ފެނިގެން އެރަށު ސިއްހީ މަރުކަޒަށް ދެއްކި މީހެކެވެ. އެ މީހާއަކީ މިފަހުން ދަތުރެއް ވެސް ކޮށްފައިނުވާ، ޓްރެވަލް ހިސްޓްރީއެއް ވެސް ނެތް މީހެކެވެ.
މުރައިދޫ ކައުންސިލުން ހާމަކުރަށްވާފައިވާ އެރަށުގެ އެންމެފަހުގެ ކޯވިޑްގެ ހާލަތު އަންގައިދޭ މައުލޫމާތަށް ބަލާއިރު، އެރަށުން މިހާތަނަށް 156 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އޭގެތެރެއިން 106 ސާމްޕަލެއް ނެގެޓިވްވެފައިވާއިރު ނަތީޖާ ނުލިބޭ ސާމްޕަލްތަކުގެ އަދަދަކީ 37 އެވެ.
މި ކޭސްތަކާއި ގުޅިގެން މިވަގުތު އެރަށުގެ 16 ގެއެއް ވަނީ ކަރަންޓީނު ކުރެވިފައެވެ.
މީގެއިތުރުން ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މުރައިދޫ ކައުންސިލުން ވަނީ އެރަށުގައި ހާއްސަ ފިޔަވަޅުތަކެއް ވެސް އަޅާފައެވެ.
ކޯވިޑް-19ގެ އަލާމާތްތައް ފެނިގެން ހއ. މުރައިދޫ ސިއްހީ މަރުކަޒަށް ދެއްކި މީހަކު ޕޮޒިޓިވްވުމުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މެއި 18 ވަނަ ދުވަހު ހަވީރު 16:18 އިން ފެށިގެން އެރަށް ވަނީ މޮނިޓަރިން ހާލަތަށް ވެސް ގެނެސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!