މިދިޔަ ހަފްތާގައި ރާއްޖޭއަށްކުރި ގަދަ ވިއްސާރައިގައި، ހއ. ހޯރަފުށީ އެއާޕޯޓަށް އުދަ އަރައި އެއާޕޯޓުގެ ރަންވޭ އަށާއި ހައިވޭއަށް ޖަމާވެފައިވާ ގަލާއި ވެލި، އެރަށުގެ ރައްޔިތުންނިކުމެ ސާފުކޮށްފި އެވ.
މިއަދު ކުރިއަށްދިޔަ މި ހަރަކާތާއި ގުޅޭގޮތުން ހޯރަފުށި ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ތިލަދުންއަށް މަޢުލޫމާތުދެމުން ވިދާޅުވީ މިހަރަކާތުގައި އެރަށުގެ 350 އަށްވުރެގިނަ މީހުން ބައިވެރިވެފައިވާކަމަށެވެ. މިކަމަށް އެރަށު ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއްލިބިފައިވާކަމަށް ވަހީދު ވިދާޅުވި އެވެ.
މިމަސައްކަތް ކުރުމުގައި އެރަށުގެ ޖަމިއްޔާ ޖަމާއަތްތަކާއި އެރަށުގެ އިދާރާތަކުން ބައިވެރިވެފައިވާކަމަށާއި މި ޙަރަކާތުގައި ރަށުގައި ތިބި ހައި ރިސްކް ގިންތީގެ މީހުން ނޫން އެންމެންވެސް ބައިވެރިވެފައިވާކަމަށް ވަހީދު ވިދާޅުވި އެވެ. މިއަދުގެ މަސައްކަތުން ސާފުކުރެވުނީ އެއްބައިކަމަށާއި މިއަންނަ ހޮނިހިރު ދުވަހުވެސް އިތުރު ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ވަހީދު ވިދާޅުވި އެވެ.
"ރަށުގެ ހުރިހާ ރައްޔިތުންވެސް ބޭނުންވަނީ އެއަރޕޯޓްއަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް ވީހާވެސް އަވަހަކަށް ދަތުރުތައް ފެށުން، ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ކައުންސިލްގެ ފަރާތުން ޝުކުރު ދަންނަވަން"
މަޢޫލޫމާތު ދެއްވަމުން ވަހީދު ވިދާޅުވެފައިވެއެވެ.
މިހަރަކާތާއި ގުޅިގެން ހޯރަފުށި ދާއިރާގެ މެންބަރ އަޙްމަދު ސަލީމް މީސްމީޑިޔާގައި ފޮޓޯތައް ހިއްސާކުރަމުން ވިދާޅުވެފައިވަނީ، ހޯރަފުށީ އެއާޕޯޓް ސާފު ކުރުމަށް ރަށުގެ ހިތްވަރުގަދަ ރައްޔިތުން ކުރެއްވި ބުރަ މަސައްކަތަށް ފަށްފަށުން ޝުކުރު ދަންނަވާކަމަށެވެ.
"އިޖްތިމާޢީ ރޫޙާއި އެއްބައިވަންތަ ކަމުގައި މިއީ ނަމޫނާ ރައްޔިތެއް."
ސަލީމް ވިދާޅުވެފައިވެއެވެ.
ވިއްސާރާގައި އެހެން ގެއްލުމެއް އެރަށަށް ލިބިފައިނުވި ނަމަވެސް ފަޅު ތެރެއިން ބިން ހިއްކައިގެން ހަދާފައިވާ އެއާޕޯޓަށް ވަރަށް ބޮޑަށް ގެއްލުންވެފައިވެއެވެ. އެގޮތުން މަގުގެ އަޑިން ވެސް ވެލިގަނޑު ކެހިފައި ހުރި މަންޒަރު ފޮޓޯތަކުން ފެނެ އެވެ. ތާރުގަނޑުގެ ބައެއް ބައިތައް ވެސް ކަނޑައިގެން ގޮސްފައި އެބަހުއްޓެވެ. އަދި މަގު އަލިކުރަން ހަރުކޮށްފައި ހުރި މަގު ބައްތިތައް ވެސް ހުރީ ވެއްޓިފަ އެވެ. ވަޅުލާފައި ހުރި ކަރަންޓު ކޭބަލްތައް ވެސް ހުރީ ފެންނާށެވެ.
އެހެންނަމަވެސް މަތިންދާބޯޓު ޖައްސާ ރަންވޭއަށް މާ ބޮޑު ގެއްލުމެއް ނުވެ އެވެ. ނަމަވެސް، ހިއްކި ބިމުން ރިވެޓްމަންޓް ނުޖަހަ އޮތް، ރަންވޭގެ ހުޅަނގު ފަރާތު ސަރަހައްދަށް ރާޅު އަރައި އޮތީ ވެލިގަނޑު ވަރަށް ބޮޑަށް ގިރާލައިފަ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު 19 ގައި ހުޅުވި، ހޯރަފުށީ އެއާޕޯޓްގެ ޓާމިނަލަށް ވެސް ވަނި ގެއްލުތަކެއް ލިބިގެން ގޮސްފަ އެވެ. ޓާމިނަލަށް ވެސް ފެން ވަދެ ގެއްލުންތައް ވެފައިވާއިރު ގަދަ ވައިގައި ޓާމިނަލުގެ ގޭޓު ވަނީ ވެއްޓިފަ އެވެ. ޓާމިނަލުގެ ކުރިމަތީގައި ރުއްތައް އިންދައިފައި ހުރި ސަރަހައްދުގެ ވެލިގަނޑު ވެސް އޮތީ ވަރަށް ބޮޑަށް ގިރާލައި އަލުން ވެލި އަޅަންޖެހޭ ވަރު ވެފަ އެވެ.
މިގެއްލުންތަކާއި އެކު އެއެއަރޕޯޓުގެ ޚިދުމަތްވަނީ ވަގުތީގޮތުން މެދުކަނޑާލާފަ އެވެ. އަލުން އޮޕަރޭޝަން ފެށޭނެ ތާރީހެއް އަދި ނޭންގެ އެވެ.
ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް ވަނީ ތަރައްގީކޮށްފަ އެވެ. ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ހަދައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!