ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ށ. މިލަންދޫ މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.

އެޗްޕީއޭއިން އެރަށް މޮނިޓަރިންނަށް ގެނެސްފައި މިވަނީ، އެރަށު ފްލޫ ކްލިނިކަށް ދެއްކި ކުޑަކުއްޖަކު ކޯވިޑަށް ޕޮޒިޓިވްވެފައި ވަނިކޮށެވެ. އެރަށު ހޯމް ކަރަންޓީނުގައި ތިބި ކުޑަ ދެކުއްޖަކު ވެސް ވަނީ މިއަދު ޕޮޒިޓިވްވެފައެވެ.

Ad
rt

ކޯވިޑ-ް19އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެޗްޕީއޭއިން މިލަންދޫ މޮނިޓަރިން ހާލަތަށް ގެނައީ މިއަދުގެ 18:01 އިން ފެށިގެންނެވެ.

މިލަންދޫ ކައުންސިލްގެ ރައީސް އަބުދުﷲ އާތިފް "ތިލަދުން"އަށް ވިދާޅުވީ، އެރަށު ސިއްހީ މަރުކަޒުގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި ކުޑަކުއްޖަކު މިއަދު ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

"އެ ކުއްޖާގެ ކިބައިން އަލާމާތް ފެނިގެން ދެއްކީ، ސާމްޕަލްގެ ނަތީޖާ މިއަދު ލިބުނުއިރު ޕޮޒިޓިވް" އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ، އެރަށު ހޯމް ކަރަންޓީނުގައި ތިބި އިތުރު ދެ ކުޑަ ކުއްޖަކުވެސް ޕޮޒިިޓިވްވެފައިވާ ކަމަށެވެ.

"މި ދެކުދީން ޕޮޒިޓިވްކަން އެނގުނީ، އެ ކުދީން ހޯމް ކަރަންޓީނުގައި ތިއްބާ އަލާމާތް ފެނިގެން ޓެސްޓް ކުރުމުން، އެކުދިންގެ ބައްޕަ ހުރީ ޕޮޒިޓިވްވެފައި، އެކުދީން ކަރަންޓީނުގައި ތިބީ ބައްޕައާއިއެކު" އާތިފް ވިދާޅުވިއެވެ.

މިއަދު ޕޮޒިޓިވް 3 މީހުންގެ އިތުރަށް އެރަށުގައި ޕޮޒިޓިވް އިތުރު 5 މީހަކު އެބަތިއްބެވެ. އެއީ ހޯމް ކަރަންޓީނުގައި ތިއްބާ ޕޮޒިޓިވްވި މީހުންނެވެ.

މިލަންދޫ މޮނިޓަރިން ހާލަތަށް ގެނައިއިރު، އެ އަތޮޅުގެ ކަނޑިތީމާއި، ޅައިމަގު ވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ. އަދި މިވަގުތު ރާއްޖޭގެ 64 ރަށެއް މޮނިޓަރިން ހާލަތުގައި އެބައޮތެވެ.