ހއ. މުރައިދޫއިން އިތުރު 6 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އެރަށުން ޕޮޒިޓިވްވި މީހުންގެ ޢަދަދު 7 އަށް އަރައިފިއެވެ.
ކޯވިޑް-19ގެ އަލާމާތްތައް ފެނިގެން ހއ. މުރައިދޫ ސިއްހީ މަރުކަޒަށް ދެއްކި މީހަކު ޕޮޒިޓިވް މެއި 18 ވަނަ ދުވަހުއެވެ.
ޕޮޒިޓިވްވީ ބަލީގެ އަލާމާތްތައް ހުރެގެން އެރަށު ސިއްހީ މަރުކަޒަށް ދެއްކި މީހެއްކަމަށެވެ. އަދި މީހާއަކީ މިފަހުން ދަތުރެއް ވެސް ނުކޮށް، ޓްރެވަލް ހިސްޓްރީއެއް ވެސް ނެތް މީހެކެވެ.
މުރައިދޫ ކައުންސިލުން ހާމަކުރަށްވާފައިވާ އެރަށުގެ އެންމެފަހުގެ ކޯވިޑްގެ ހާލަތު އަންގައިދޭ މައުލޫމާތަށް ބަލާއިރު، އެރަށުން ވަނީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 18 މީހެއްގެ ސާމްޕަލް ނަގާފައެވެ. މިހާތަނަށް ނަތީޖާ ނުލިބޭ 100 ސާމްޕަލެއް އަދި އެބަހުއްޓެވެ. ނަތީޖާ ލިބުނު ސާމްޕަލްތަކުގެ ތެރެއިން 12 ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ.
މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން "ތިލަދުން"އަށް ވިދާޅުވީ، މިފަހަރު އެރަށުން ޕޮޒިޓިވްވީ ކުރިން ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓު ކޮންޓެކްޓުވި މީހުންގެ ތެރެއިން ޕޮޒިޓިވްވި ބައެއް މީހުންނާއި، ބަލީގެ އަލާމާތް ހުރެގެން ޓެސްޓް ކުރުމުން ޕޮޒިޓިވްވި ބައެއް މީހުން ކަމަށެވެ.
ކޯވިޑް-19ގެ އަލާމާތްތައް ފެނިގެން ހއ. މުރައިދޫ ސިއްހީ މަރުކަޒަށް ދެއްކި މީހަކު ޕޮޒިޓިވްވުމުން، އެރަށް ވަނީ މޮނިޓަރިން ހާލަތަށް ވެސް ގެނެސްފައެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މުރައިދޫ މޮނިޓަރިން ހާލަތަށް ގެނައީ މެއި 18 ވަނަ ދުވަހު ހަވީރު 16:18 އިން ފެށިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!