ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރުން ހޮވުމުގެ އިންތިޚާބު 2021 ޖޫން 12 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ގެ 59 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިޢުލާންކޮށްފައިވަނީ މިއަދު އެވެ.

Ad
rt

އީސީއިން ބުނެފައިވަނީ މިމަޤާމުތަކަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، 2021 މެއި 20 ވާ ބުރާސްފަތި ދުވަހުގެ 09:00 ން ފެށިގެން، 2021 މެއި 24 ވާ ހޯމަ ދުވަހުގެ 13:00 އާ ހަމަޔަށް ހުޅުވާލެވިފައިވާކަމަށެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 59 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އިންތިޚާބު ކުރާނީ 3 މެންބަރުންނެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކާއި އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ 1 މެންބަރު އަދި ރަށު ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރެކެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމާއި، ވޯޓުލުމުގެ ފުރުޞަތު ލިބިގެންވަނީ ސިޓީ ކައުންސިލްގެ މެންބަރުންނާއި އަތޮޅު ކައުންސިލްގެ ރައީސުންނާއި ރަށު ކައުންސިލްގެ މެންބަރުންނެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2021 ޖޫން 12 ވާ ހޮނިހިރު ދުވަހުގެ 10:00 އިން 14:00އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. އަދި މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2021 ޖޫން 15 ވާ އަންގާރަ ދުވަހުކަމަށް އީސީއިން ބުނެފައިވެއެވެ.

މި އިންތިހާބާއި ބެހޭ އުސޫލު އީސީއިން މިހާރުވަނީ ގެޒެޓްކޮށްފަ އެވެ.

އެޕްލިކޭޝަން ފޯމު