ފަލަސްތީނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުށްވެރިކޮށްފި އެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެެފައިވަނީ ފަލަސްތީނު މުސްލިމުންނާއި ދެކޮޅަށް ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތައް ދުރުން ބަލަން ތިބެން ޖެހުމަކީ ހިތްފަޅައިގެންދާ ކަމެއްކަމަށެވެ.
އެކައުންސިލްގެ ބަޔާނުގައި ބުނެފައި ވަނީ ފަލަސްތީނުގެ މުސްލިމު އަޚުންނާއި އުޚްތުން މިނިވަން، އަމާން ދިރިއުޅުމެއްގެ އުންމީދުގައި
ކުރަމުންދާ މަސައްކަތުގައި ފަލަސްތީނާއި އެކުގައިވާކަމަށެވެ.
އިސްރާއީލް ސިފައިން ހިފާފައިވާ އިރުމަތީ ޤުދުސް އަދި ޣައްޒާގައި ފަލަސްތީނުގެ އާއްމުންނާއި ދެކޮޅަށް ދެމުންދާ ނުރައްކާތެރި، އުދުވާނީ ހަމަލާތައް އަޅުގަނޑުމެން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
އެކައުންސިލްގެ މޭޔަރ މުޙައްމަދު އާތިފް ސޮއިކުރައްވާ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހިންގާފައިވާ ބްލޮކްޑް ނިމުމަކަށް ގެނެސް، ފަލަސްތީނު ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލާފައިވެއެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމައުއިން ވެފައިވާ އިންސާނިއްޔަތުގެ ވައުދުތަކާއި އެއްގޮތްވާގޮތުގެ މަތީން، ފަލަސްތީންގެ ބިންތަކަށް ވެރިވެގަނެގެން ތިބޭތިބުން ހުއްޓާލަންދެން އިޒްރާއީލާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާފައިވެއެވެ.
އިޒްރޭލުން ދަނީ ފަލަސްތީނު މުސްލިމުންގެ އަސާސީ ހައްޤުތަކާއި މިނިވަންކަމަށް އަރައިގަންނަމުންކަމަށާއި ޝެއިޚް ޖައްރާގެ ފަލަސްތީނުގެ އާއިލާތަކެއް ގަދަކަމުން އެމީހުންގެ ގެދޮރުން ނެރުމާއި، ހަތިޔާރެއް ނެތް ފަލަސްތީނު މުސްލިމުންނާއި ދެކޮޅަށް ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތައް ދުރުން ބަލަން ތިބެން ޖެހުމަކީ އަޅުގަނޑުމެންގެ ހިތްފަޅައިގެންދާ ކަމެކެވެ.
އެކައުންސިލްއިން ނެރުނު ފުރަތަމަ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ފަލަސްތީނުގެ މުސްލިމުންނަށް ލިބެންޖެހޭ އަސާސީ ޙައްޤުތައް ހޯދައި، އަމަން އަމާންކަމާއި އިންސާނީ ދިރިއުޅުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ކުޅުދުއްފުށީގެ ރައްޔިތުން ތިބޭނީ ފަލަސްތީނު ރައްޔިތުންނާއި އެކުގައިކަން އެބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
ދިވެހިން ފަލަސްްތީނާއެކު ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން އިއްޔެ އާއި މިއަދު ހަވީރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފަލަސްތީނުގެ ދިދަ ހިފައިގެން އަދި އިޒްރޭލްގެ ހަމަލާތަކާ ދެކޮޅަށް ދިވެހީން ވަނީ އަޑުއުފުލާފައެވެ.
މި ހަރަކާތް ތިލަދުންމަތީގެ ގިނަ ރަށްތަކެއްގައި ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!