ކޯވިޑް-19ގެ އަލާމާތްތައް ފެނިގެން ހއ. މުރައިދޫ ސިއްހީ މަރުކަޒަށް ދެއްކި މީހަކު ޕޮޒިޓިވްވުމުން، އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މުރައިދޫ މޮނިޓަރިން ހާލަތަށް ގެނައީ މިއަދު ހަވީރު 16:18 އިން ފެށިގެންނެވެ.
މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން "ތިލަދުން"އަށް ވިދާޅުވީ، ޕޮޒިޓިވްވީ ބަލީގެ އަލާމާތްތައް ހުރެގެން އެރަށު ސިއްހީ މަރުކަޒަށް ދެއްކި މީހެއްކަމަށެވެ.
"ބަލީގެ އަލާމާތް ފެނިގެން ސިއްހީ މަރުކަޒަށް ދެއްކައި، ޓެސްޓް ކުރަން ސާމްޕަލް ނެގީ، މިއަދު ނަތީޖާ ލިބުނުއިރު ޕޮޒިޓިވް" ސިނާން ވިދާޅުވިއެވެ.
ސިނާން ވިދާޅުވީ، ޕޮޒިޓިވްވި މީހާއަކީ މިފަހުން ދަތުރެއް ވެސް ނުކޮށް ރަށުގައި ހުންނަ މީހެއް ކަމަށެވެ.
"މިއިން ދުވަހަކު ރަށުން ބޭރަކަށް ވެސް ނުދޭ، މިފަދަ ކޭސްއެއް ފެނުނީމަ ބަލަންޖެހޭ ކަންކަން ބެލުމަށް ރަށް މޮނިޓަރިންނަށްލީ، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ސިއްހީ މަރުކަޒުން އެބަ ކުރިއަށް ގެންދަވާ" ސިނާން ވިދާޅުވިއެވެ.
މުރައިދޫއިން ޓްރެވަލް ހިސްޓްރީއެއް ނެތް މީހެއް ޕޮޒިޓިވްވިއިރ،ު މިމަހު 1 ވަނަ ދުވަހު ހއ.ގެ ވެރިރަށް ދިއްދޫ ފްލޫ ނިކަކަށް ދެއްކިއިރު ޕޮޒިޓިވްވި މީހާ އަކީ ވެސް ޓްރެވަލް ހިސްޓްރީއެއްނެތް މީހެކެވެ. އެ މީހާގެ ކޭހަށްފަހު ދިއްދޫއިން ދަނީ ޕޮޒިޓިވްވި ކޭސްތައް ފެންނަމުންނެވެ. ދިއްދޫ ވެސް މޮނިޓަރިންގަ އޮތްއިރު، އެކްޓިވް 111 ކޭސް އެރަށުގައި އެބަތިއްބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!