ހއ. މާފަހިން ހއ. ދިއްދޫ ކައުންސިލަށް ދޮންކޭލާއި ފަޅޯ ހަދިޔާކޮށްފިއެވެ.
ހއ.ދިއްދޫގައި ކޯވިޑް-19 ފެތުރޭ ނިސްބަތް އިތުރުވެ ރަށުގެ ގިނަ އަދަދެއްގެ ގޭތަކެއްވަނީ ކަރަންޓީނުކުރެވިފައެެވެ.
ޖުމްލަ 111 ފަރާތެއް ދިއްދޫއިން ޕޮޒިޓްވްވެފައިވާއިރު ކޯވިޑް ޖެހިގެން އެރަށުން މީހަކުވެސްވަނީ ނިޔާވެފައެވެ. ދިއްދޫއަށް ކުރިމަތިވެފައިވާ މިފަދަ ހައްސާސްް ދަނޑިވަޅެއްގައި ރަށުގެ އާންމު ރައްޔިތުންނާއި ޖަމިއްޔާތަކުގެ ފަރާތުން އެކިއެކި އެހީތައް ކަަރަންޓީނުކޮށްފައިވާ ގެތަކަށްދަނީ ފޯރުކޮށްދެމުންނެވެ.
ހއ. މާފައްސަކީ ޞަލާހް ޝިހާބު ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތް ކުރުމަށް ދިގުމުއްދަތައް ކުއްޔަށް ދީފައިވާ ރަށެކެވެ.
އެރަށުގައި ހައްދާ މޭވާއާއި ތަރުކާރީގެ ބާވަތްތައް، ރާއްޖޭގެ ބާޒާރަށް ނެރުއްވައި ވިއްކަވަމުން ގެންދަަވައެވެ. އަދި އެރަށުގައި، އެކި ބާވަތުގެ ގަސްގަހާގެހީގެ ނާސަރީއެއްވެސް ވަނީ ތައްޔާރުކުރައްވާފައެވެ. ދަނޑުވެރިކަމުގެ ގޮތުން ގަސްގަހަށްޖެހޭ ބަލިތައް ދިރާސާ ކުރައްވައިގެން ކާމިިޔާބުކަމާއެކު އެރަށުގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރައްވަމުން ގެންދަަވައެވެ. މާފަހީގައި ހައްދާ ފަޅޮލަކީ، ރާއްޖޭގެ މީހުންނަށް ވަރަށް މީރު ފަޅޮލެކެވެ. މީގެއިތުރުން، މާފަހީގައި ގިނަ އަދަދަކަށް ރުއްވެސް އިންދަވާފައި ވެއެވެ.
"މާފަހި" ބްރޭންޑުގެ ދަށުން އެރަށުގައި ހައްދާތަކެތި އަންނަނީ ބާޒާރަށް ނެރެމުންނެވެ. އެރަށުގައި ދަނޑުވެރިކަމުގެ މަސައްކަތުގައި 52 މުވައްޒަފަކު އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީންނެވެ.
ދިއްދޫގައި ކޯވިޑް-19ގެ ހާލަތު ގޯސްވެފައިވާތީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ކޯވިޑް ފެތުރުން ހުއްޓުވުމަށް ދިއްދޫގައި އަޅައިފައިވާ ފިޔަވަޅުުތައް ހަރުދަނާކޮށް ކާފިއު އިއުލާންކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!