އިޒްރޭލުން ހިންގާ ޢުދުވާނީ ޖަރީމާތައް ހުޓާލުމަށް، ދިވެހި ރައްޔިތުންގެ ނަމުގައި އަޑުއުފުލާދިނުމަށް ދިވެހި ދައުލަތަށް ހދ. ވައިކަރަދޫ ކައުންސިލުން ގޮވާލައިފި އެވެ.

އެކައުންސިލުން މިހެން ގޮވާލާފައިވަނީ، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލްގެ ދައުލަތުން ދެމުންދާ ލާއިންސާނީ އުދުވާނީ ހަމަލާތައް ކުށްވެރިކޮށް ވައިކަރަދޫ ކައުންސިލުން ނެރުނު ބަޔާނެއްގަ އެވެ.

Ad
rt

އެބަޔާނުގައި ބުނެފައިވަނީ، ރަމަޟާންމަހާ ދިމާކޮށް އިޒްރޭލްގެ ހަމަލާތައް ވަރުގަދަކުރުމުގެ ސަބަބުން ފަލަސްތީނުގެ ކުށެއް ނެތް އެތައް ބަޔަކު ޝަހީދުވެފައިވާކަމަށެވެ.

މީގެ އިތުރުން، އިޒްްރޭލްގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ އުމުރާނީ ތަރައްގީއާއި އަސާސީ ހިދުމަތްދިނުމަށް ގާއިމުކޮށްފައިވާ ނިޒާމްވަނީ ފުޑުފުޑުވެފައިކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. އަދި، ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކާއި މުސްލިމުން ދައުލަތްތަކުން އިޒްރޭލްގެ ޓެރަރިސްޓް ހަމަލާތައް ކުށްވެރިނުކޮށް ބަލަން ތިބުމަކީ ބަލައިގަނެވޭނެ އަމަލެއް ނޫންކަމަށް ބަޔާންކޮށް އެކަން ކުށްވެރިކޮށްފައިވެއެވެ.

ވައިކަރަދޫ ކައުންސިލުގެ މެމްބަރުން ސޮއިކޮށް ނެރުނު ބަޔާނުގައި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި މަސްޖިދުލް އަޤްޞާ ރައްކާތެރިކުރުމަށް މުޅި މުސްލިމް އުއްމަތް އެކަތިގަނޑަކަށްވެ ތެދުވުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ފާހަކޮށްފައިވެއެވެ.