ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުޅުން ރޭ ފެށިއިރު އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ކުޅުނު ފުރަތަމަ މެޗްގެ ފަހުކޮޅު ވަތް ގޯލްތަކުން ނަޕޯލީ އަތުން ބަލިވެއްޖެއެވެ. މިއީ 1994 ވަނަ އަހަރުގެ ފަހުން ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުން ޖެހިގެން އައި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗްގައި ބަލިވި ފުރަތަމަ ފަހަރެވެ.

ނަޕޯލީގެ ފުރަތަމަ ގޯލް މެޗްގެ 82 ވަނަ މިނިޓްގައި ލިބުނު ޕެނެލްޓީއަކުން ކާމިޔާބުކުރި މާޓެންސްއެވެ. މި ޕެނެލްޓީއަކީ ލިވަޕޫލްގެ ޕެނެލްޓީ އޭރިޔާ ތެރެއިން ހޯޒޭ ކަލެހޮންއަށް ލިވަޕޫލްގެ ޑިފެންޑަރ އެންޑީ ރޮބަޓްސަން ކުރި ފުއުލަކާއި ގުޅިގެން ދިން ޕެނެލްޓީއެކެވެ. އެއީ ޕެނެލްޓީއެއް ނޫން ކަމަށާއި ކޮލެހޮން ޑައިވް ކުރީ ކަމަށްބުނެ ލިވަޕުލްގެ ކޯޗު ކްލޮޕް ވަނީ ނުރުހުން ފާޅުކޮށްފައެވެ.

Ad
rt

ނަޕޯލީގެ ދެވަނަ ގޯލް ކާމިޔާބުކުރީ މެޗްގެ އިތުރު ވަގުތު ތެރޭގައި މިދިޔަ ސީޒަންގެ ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ލިވަޕޫލެގެ ޑިފެންޑަރ ވާޖިލް ވެން ޑައިގެ ފަރާތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި ޓޮޓެންހަމް ދޫކޮށް މިސީޒަނަށް ނަޕޯލީއާއި ގުޅުނު ފެނާންޑޯ ލޮރެންޓޭ ކާމިޔާބު ކޮށްދިން ގޯލެކެވެ.

ނަޕޯލީގެ ދަނޑުގައި ރޭ ކުޅުނު މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ސެނެގާލްގެ އުމުރުން 28 އަހަރުގެ ޑިފެންޑަރ ކަލިޑޯ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފަވެ. ލިވަޕޫލްގެ ވަރުގަދަ ފޯވާޑުން ހިފެހެއްޓުމުގައި ކަލިޑޯ ވަނީ ކާމިޔާބު ހޯދާ މިދޔަ ސީޒަންގެ އޭނާއަށް ލިބުނު ސީރީއޭގެ އެންމެ މޮޅު ޑިފެންޑަރުގެ އެވޯޑަކީ އޭނާއަށް ހައްގު އެވޯޑެއްކަން ސާބިރު ކޮށްދީފައެވެ.

ލިވަޕޫލް އަދި ނަޕޯލީ ހިމެނޭ ގުރޫޕް އީގައި ރޭ ކުޅުނު އަނެއް މެޗްގައި ރެޑް ބުލް ސަލްޒްބާގް އަދި ގެންކް ބައްދަލުކުރި މެޗް 6-2 ގެ ނަތީޖާއަކުން ސަލްސްބާގް ވަނީ ފަސޭހަކަމާއިއެކު މެޗް ކާމިޔާބުކޮށްފައެވެ.

މިމެޗްގެ ފުރަތަމަ ހާފަގައި ހަ ގޯލް ވަނީ ފެނިގެން ގޮސްފައެވެ. އެއީ ސަލްޒްބާގެގެ ފަސްގޯލާއި ގެންކްގެ ގޯލެކެވެ. މެޗްގެ ފުރަތަމަ ހާފް ގައި ނޯވޭގެ 19 އަހަރުގެ ހާލެންޑް ވަނީ ސަލްބާގަށް ހެޓްރިކް ހަދާދީފައެވެ. އަނެއް ދެގޯލް ކާމިޔާބު ކުރީ ވަންގް ހީ ޗަން އަދި ޒޮބޯސްލައިއެވެ. ފުރަތަމަ ހާފަގައި ގެންކްގެ ގޯލް ކާމިޔާބުކުރީ ލުކުމިއެވެ. ދެވަނަ ހާފްގައި ކޮންމެ ޓީމަކުން ވަނީ އެއްގޯލް ކާމިޔާބުކޮށްފައެވެ. ސަމައްޓާ ގެ ފަރާތުން ގެންކްގެ ގޯލް ފެނިގެންދިޔައިރު ސަލްޒްބާގްގެ ފަހު ގޯލް ކާމިޔާބު ކުރި އަލްމޭރްއެވެ.