ހދ. ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރަކަށް ޢަލީ އަޙްމަދު ހޮވައިފިއެވެ.
ޢަލީ އަޙްމަދަކީ ކުޅުދުއްފުށީ ސިޓީގެ އިރު ދެކުނު ދާއިރާ ތަމްސީލް ކުރަށްވާ މެންބަރެކެވެ. އޭނާ އެ މަގާމަށް ހޮވީ މިހާރު ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބާއްވަމުންދާ ބައްދަލުވުމުގައެވެ.
އެ ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރަކަށް ކުރިމަތިލީ ވެސް ޢަލީ އެކަންޏެވެ. އޭނާ އެ މަގާމަށް ހޮވުނީ ކައުންސިލްގެ ފުރިހަމަ އަގުލަބިއްޔަތުން 7 ވޯޓުންނެވެ.
ކުޅުދުއްފުށި ސިޓީގެ ފުރަތަމަ ޑެޕިއުޓީ މޭޔަރުގެ ގޮތުގައި ޢަލީ އަޙްމަދު ތާރީޚުން ޖާގަ ހޯދިއިރު، ކުޅުދުއްފުށީ ސިޓީގެ ތާރީޚީ ފުރަތަމަ މޭޔަރަކީ މުޙައްމަދު އާތިފެވެ.
އެކައުންސިލްގައި އިތުރަށް ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ، އުތުރު ދާއިރާ މުހައްމަދު ދާއޫދު، ހުޅަނގު އުތުރު ދާއިރާ އަހުމަދު އަބްދުﷲ، ހުޅަނގު ދެކުނު ދާއިރާ ރިލްވާން މުހައްމަދު، މެދު އުތުރު ދާއިރާ އައިމިނަތު މަޖީދާ އަދި މެދު ދެކުނު ދާއިރާ އާތިފާ އަލީ އެވެ.
ކުޅުދުއްފުށީ ސިޓީ ފުރަތަމަ މޭޔަރާއި މެންބަރުން ހުވާކުރެއްވުން އަދި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން މަގާމުގެ އިގްރާރުގައި ސޮއިކުރެއްވުން ކުރިއަށްގޮސްފައިވަނީ މިއަދު ހެނދުނު ނޮދާރން އޮފީސް ކޮމްޕްލެކްސް ހޯލުގައި މިކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!