ނުރައްކާތެރި ކޯވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވިގޮތުގައި އެއީ އުމުރުން 80 އަހަރުގެ މީހެކެވެ. އެމިހާ އަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ދިވެހި އަންހެނެކެވެ.
މިއީ މިބަލީގައި މިއަދު ނިޔާވި ހަތަރު ވަނަ މީހާ އެވެ. އަދި ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޖުމްލަ ވަނީ 98 އަށް އަރައިފަ އެވެ.
މިއަދު ކުރިން ނިޔާވި ތިން މީހުންނަކީ ވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހުންނެވެ. އެއީ 83 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެއްގެ އިތުރުން 87 އަހަރުގެ މީހެކެވެ.
ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު އެކްޓިވް ކޭސްތަކުގެ އަދަދު ހުރީ 15،958 ގައެވެ. އަދި ރާއްޖެއިން މިހާތަނަށް 44،523 މީހަކު ވަނީ މިބަށްޔަށް ޕޮޒިޓިވްވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!