އިޒްރޭލަށް ވަރުގަދަ ފިލާވަޅެއް ދޭންޖެހޭ ކަމަށާއި ފަލަސްތީނުގެ ދިފާޢުގައި އިސްލާމީ ދުނިޔެ އެއްބައިވާންޖެހޭ ކަމަށް ތުރުކީގެ ރައީސް އުރުދުޢާން އިރާނުގެ ރައީސް ހަސަން ރޫހާނީއަށް ގުޅުއްވައި ވިދާޅުވެއްޖެއެވެ.
ފަލަސްތީނުގެ މާތް ބިމަށް މިހާރު އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުން ކަންބޮޑުވެ އުރުދުޢާން ގެންދަވަނީ ދުނިޔޭގެ އެކި ޤައުމުގެ ވެރިންނަށް ފޯނުން ގުޅުއްވާ މަޝްވަރާކުރައްވަމުންނެވެ.
ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ނުފޫޒުގަދަ ތުރުކީގެ ރައީސް އުރުދުޢާން އަބަދުވެސް ފެންނަނީ އިސްލާމީ އުއްމަތަށް ދިމާވާ ބޮޑެތި ކަންކަމުގައި ކެރިގެން ބަސްބުނާ ލީޑަރެއް ގޮތުގައެވެ.
ފަލަސްތީނާއި، ފަލަސްތީނުގެ ބިންތަކަށް ވެރިވެގެން އުޅޭ އިޒްރޭލާއި ދެމެދު މިފަހުން މައްސަލަ ހޫނުވެފައިވަނީ އިސްރޭލުން ހިންގާ ޢައިރު ޤާނޫނީ ޔަހޫދީން އާބާދުކުރުމުގެ މަޝްރޫޢުގެ ދަށުން ޝައިޚް ޖައްރާހް ކިޔާ އަވަށެއްގައި ދިރިއުޅޭ ފަލަސްތީން ރައްޔިތުން އެސަރަހައްދުން ނެރުމަށް މަސައްކަތް ފެށި ހިސާބުންނެވެ.
ޝައިޚް ޖައްރާހްގެ މައްސަލައިގައި ރަމަޟާން މަސް ފެށުނީއްސުރެއް އިޒްރޭލުގެ ފުލުހުންނާއި ފަލަސްތީނީންނާއި ދެމެދު ހަމަނުޖެހުންތައް ހިނގަމުން އައިސް އަލް އަޤްސާ ތެރެއަށް އިޒްރޭލު ސިފައިން ވަދެ މާތްވެގެންވާ ޚަރަމުގެ ހުރުމަތް ކެޑި ހިސާބުން ޢައްޒާގެ ހަމާސް ޖަމާޢަތުން މުސްލިމުންނާއި ޤުދުސްގެ ދިފާޢުގައި ނުކުމެ ވަނީ އިޒްރޭލުގެ އެތަން މިތަނަށް ރޮކެޓް ހަމަލާއިތަކާއި މީގެ ކުރިން ދީފައި ނުވާ ފަދަ ޑްރޯން ހަމަލާތައް ދޭން ފަށާފައެވެ.
މިހާތަނަށް 145 އަށް ވުރެ ގިނަ މުސްލިމުން ޝަހީދުވެ އެތައް ބަޔަކަށް ޒަހަމްވެފައިވާއިރު ޢައްޒާއަށް އުމްރާނީ ގޮތުންވެސް ދަނީ ބޮޑެތި ގެއްލުންތަކެއްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!