ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ހަށިކޮޅަށް ލިބިފައިވާ އަނިޔާތައް ދައްކައިދޭ ފޮޓޯތަކެއް ރައްޔިތުންގެ މަޖިލީހުން އާއްމު ކޮށްފިއެވެ.
މަޖިލީހުގެ ރަސްމީ ޓުވިޓަރ މެދުވެރިކޮށް މި ފޮޓޯތައް އާއްމު ކުރަމުން ވިދާޅުވެފައި ވަނީ މިފޮޓޯތައް އާންމުކޮށްފައިވަނީ އެމަނިކުިފާނުގެ އިޒުނަފުޅާއެކު ކަމަށެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދީފައި ވަނީ އެމަނިކުފާނު ގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން މަޖީދީ މަގަށް ނުކުމެވަޑައިގަތްތަނާ ކައިރީގައި ހުރި ސައިކަލެއްގައި އޮތް އައިއީޑީއެއް ގޮއްވާލައިގެންނެވެ. އެއީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭ 8.27 ގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް ލިބިވަޑައިގެންފައިވާ ޒަޚަމްތައް. މި ފޮޓޯތައް އާންމުކޮށްފައި މި ވަނީ އެމަނިކުފާނުގެ އިޒުނަފުޅާއެކު ގައެވެ. pic.twitter.com/OEwe60FQKi
— People's Majlis (@mvpeoplesmajlis) May 15, 2021
އެމަނިކުފާނުގެ އެދިލެއްވުމުގެ މަތިން މި ފޮޓޯތައް އާންމު އެންމެފުރަތަމަ މީސްމީޑިޔާއަށް އާންމު ކުރެއްވީ، ރައީސް ނަޝީދުގެ ބޭބެ ޑރ. އިބްރާހިމް ނާޝިދެވެ. ޓްވީޓާގައި އޭނާ އެ ފޮޓޯތައް ޚިއްސާ ކުރެއްވުމަށް ފަހު ވިދާޅުވީ ރައީސް ނަޝީދުގެ ހަށިކޮޅަށް ލިބިވަޑައިގަތީ ނުރައްކާތެރި ޒަޚަމްތަކެއް ކަމަށާއި، އެކަމަކު ހާލުކޮޅު ގަދަފަދަ ވަމުން އަންނަ ކަމުގެ އުއްމީދު އެބަ އޮތް ކަމަށެވެ.
ހަމަލާއަށް ފަހު އެމަނިކުފާނުގެ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް 16 ގަޑިއިރު ވާންދެން އެތައް އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ.
ނަޝީދު އިތުރު ފަރުވާއަށް ޖަރުމަން ވިލާތަށް ވަޑައިގެންފައިވާއިރު އެ ގައުމުގައި އެމަނިކުފާނަށް ފަރުވާ ދެއްވަމުން ގެންދަވަނީ މިލިޓަރީ ހޮސްޕިޓަލެއްގައި ކަމަށް އެނގިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!