މަޝްވަރާގެ ދޮރުވަނީ ހުޅުވިފައި: ތާލިބާނުން

32946C71-A04E-410C-95AB-FF2D22CBA33B

މަޝްވަރާ ކުރުމުގެ ދޮރު ހުޅުވިފައިވާކަމަށާއި، އެމެރިކާގެ ރައީސް ޑޮނަލަޑް ޓްރަމްޕް އެގޮތަށް ބޭނުންފުޅުވެވަޑައިގަންނަވާނަމަ، މަޝްވަރާގެ މޭޒަށް އައުމަށް ތައްޔާރަށް ތިބިކަމަށް، ހަނގުރާމަވެރި ތާލިބާން ޖަމާއަތުން ބުނެފިއެވެ.

"ބީބީސީ" އަށް ދިން އެކްސްކްލޫސިވް އިންޓަވިއެއްގައި، ތާލިބާނުންގެ ފަރާތުން މަޝްވަރާތަކުގައި އެންމެ އިސްކޮށް ބައިވެރިވާ ޝީރު މުޙައްމަދު އައްބާސް ސްޓަނިކްޒައީ ބުނެފައިވަނީ މަޝްވަރާ ކުރުމަކީ އަފްޣާނިސްތާނުގެ ސުލްހައަށް އޮތް ހަމައެކަނި ރާސްތާކަމުގައެވެ.

18 އަހަރު ވަންދެން އަފްޣާނިސްތާނުގައި ކުރިއަށް ގެންދިޔަ ހަމަލާތައް ހުއްޓާލާ، ސުލްހަވުމާ ހަމައަށް މި މަހުގެ ކުރީކޮޅު، ދެ ފަރާތުން އައެވެ. ހަމައެހެންމެ، އެމެރިކާގެ ކޭމްޕް ޑޭވިޑުގައި، މަޝްވަރާގެ ބައްދަލުވުންތައް ބާއްވަން ރައީސް ޓްރަމްޕް ވަނީ އަފްޣާނިސްތާނުގެ ރައީސް އަޝްރަފު ޣަނީއަށާއި ތާލިބާނުންގެ ލީޑަރުންނަށް ދައުވަތު ދީފައެވެ. ދައުވަތު ދިނީ ސެޕްޓެމްބަރު އަށެއްގައި މަޝްވަރާތައް ބޭއްވުމަށެވެ.

އެހެންނަމަވެސް، ސެޕްޓެމްބަރު ހައެއްގައި، އަފްޣާނުގެ ވެރިރަށް ކާބުލް އަށް ތާލިބާނުން ދިން ހަމަލާއެއްގައި އެމެރިކާ ސިފައިންގެ މީހަކާއި އިތުރު 11 މީހުން މަރުވުމާ ގުޅިގެން ޓްރަމްޕް ވަނީ މަޝްވަރާ ނުކުރަން ނިންމާފައެވެ.

ހަމައެހެންމެ، އެމެރިކާ އިން ބަޔާނެއް ނެރުމަށްފަހު ބުނެފައިވަނީ ސުލްހައަށް ތާލިބާނުން މަސައްކަތް ކުރާކަމުގެ އެއްވެސް ހެއްކެއް ނުފެންނަކަމަށެވެ.

އެހެންނަމަވެސް، މިކަންކަން ތާލިބާނުން ދޮގުކުރެއެވެ. އެމީހުން ބުނާގޮތުގައި އެމެރިކާއިންވަނީ ތާލިބާނުންގެ ވަރަށް ގިނަ މީހުން މަރާލާފައެވެ. އަދި އެމެރިކާގެ އެންމެ މީހަކު މަރުވުމުން އެގޮތަށް ކަންތައް ކުރަން ނުޖެހޭކަމަށް ބުނެފައިވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *