އިހަވަންދޫ މަސްވެރިންގެ ގުޅުން، އިމަގުން އިންތިޒާމްކޮށްގެން މެރަނާ ވޮލީބޯޅަ މުބާރާތެއް ފެށުމަށް ނިންމައިފިއެވެ.
އިހަވަންދޫގައި ޒުވާން ވޮލީބޯޅަ ކުޅުންތެރިން އުފެއްދުމުގެ މަގްސަދުގައި، އިހަވަންދުއަށް ނިސްބަތްވާ ޒުވާނުންނަށް އަމާޒުކޮށް، ދެޖިންސަށް ވަކިން މި މުބާރާތް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
މިއަހަރު ޖުލައި މަހުގެ 1 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ވާދަކުރާ ޓީމްތަކުގައި ކުޅެވޭނީ ހަމައެކަނި އިހަވަންދޫއަށް ނިސްބަތްވާ ކުޅުންތެރިންނަށެެވެ. ޗެމްޕިއަން ޓީމަށް 7000 ރުފިޔާ އަދި ރަނާ ރަޕް ޓީމަށް 3000 ރުފިޔާގެ ފައިސާގެ އިނާމް ކަނޑައެޅިފައިވެއެވެ.
އިމަގުގެ މީޑިއާ ކޯޑިނޭޓަރ، ސައުދުﷲ އަހުމަދު ވިދާޅުވާގޮތުގައި، މި މުބާރާތާކީ އިހަވަންދޫގައި ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ ގޮތުން ކުރިއަށް ގެންދެވޭ މުބާރާތެކެވެ. އަދި، "މެރަނާ" ގެ މާނައަކީ ދުޅަހެޔޮކަމެވެ. މިމުބާރާތަށް މެރަނާގެ ނަންދެވުނީ މުބާރާތުގެ މަގްސަދާ ގުޅުވައިގެންނެވެ.
"މީ އިހަވަންދުއަށް ހާއްސަ މުބާރާތެއް. ބޭނުމަކީ ޒުވާން ކުޅުންތެރިން އުފައްދާ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ، ހުނަރުވެރި ވޮލީ ކުޅުންތެރިން އިހަވަންދޫގަ އުފެއްދުން. މި ކުޑަކުޑަ މުބާރާތެއް. މިމުބާރާތަށްފަހު އިމަގުން ވޮލީގެ ބޮޑު މުބާރާތެއް ބާއްވާނެ" ސައުދުﷲ ވިދާޅުވިއެވެ.
އިމަގުން އިންތިޒާމްކޮށްގެން އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި، އިމަގުގެ އަހަރީ ދުވަހުގެ ހާއްސަ ހަރަކާތްތަކާއެކު ޖޫން 6 ވަނަ ދުވަހު މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތައް އާންމުކުރެވޭނެ ކަމަށް ސައުދުﷲ ވިދާޅުވިއެވެ.
އިމަގުން އިސްނަގައި އިހަވަންދޫގައި، ބިނާކުރަނިވި އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް މިފަދަ ތަފާތު މުބާރާތްތަކާއި، ކޯޗިން ކޭމްޕްތަކާއި ވޯކްޝޮޕްތައް ހިންގަމުންދާކަން ފާހަގަކުރެއެވެ. އަދި، ޒުވާން ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގެ ގޮތުން އިމަގު "އަދު މާދަމާއަށް" ނަމުގައި ސްޕޯޓްސް އެކަޑަމީއެއް ހިންގަމުންދެއެވެ. މީގެ އިތުރުން، އިމަގުން ކުރިއަށް ގެންދާ ހަރަކާތްތަކަށް ތަފާތު ރީތި ދިވެހި ލަފްޒްތައް ބޭނުންކުރަމުންދާކަން ފާހަގަކުރެވެއެވެ.
އިމަގު ޖަމިއްޔާއަކީ ތިލަދުންމަތިން އުފެދުނު އެންމެ ހިންގުންތެރި އެއް މަދަނީ ޖަމިއްޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!