ތިލަދުންމައްޗަށް މޫސުން ވަރަށް ބޮޑަށް ގޯސްވުމާއި ގުޅިގެން އުތުރުގެ ބައެއް އެއާޕޯޓްތަކުގެ ފުލައިޓް ޝެޑިއުލަށް ވެސް ބުރޫއަރައިފިއެވެ.

މިއަދު ކުރިވިއްސާރާގައި ވައިގަދަވެ ހޯރަފުށީ އެއާޕޯޓްގެ ޓާމިނަލްގެ ފުރާމީހުންގެ ދޮރާށި ވެއްޓި ގެއްލުންތަކެއް ވުމާއި ގުޅިގެން އެ އެއާޕޯޓަށް މޯލްޑިވިއަނުން ކުރުމަށް ހަމަޖެހިފައިވާ ދަތުރު މިއަދު ވަނީ ކެންސަލް ކޮށްލާފައެވެ.

Ad
rt

މީގެ އިތުރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދުގެ 14:30 ގައި ޖެއްސުމަށް ހަމަޖެހިފައިވާ ފުލައިޓް އެވަގުތު މޫސުން ގޯސްވުމާއި ގުޅިގެން ނުޖެއްސި އަނބުރާ ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައެވެ. މިއަދު ހަނިމާދޫއަށް ކުރި ވިއްސާރާގައި 42 މޭލަށް ވަނީ ވައިގަދަވެފައެވެ.

ދިވެހިރާއްޖޭގެ މޫސުމާބެހޭ އިދާރާއިން ރާއްޖޭގެ އުތުރުގެ ރަށްތަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ލަފާކޮށް މިއަދުގެ 15:30 އިން 18:30 އަށް ވަނީ އޮރެންޖް އެލާޓް ވެސް ނެރެފައެވެ.

އެ އިދާރާއިން ނެރެފައިވާ އެލާޓުގައި އިތުރަށް ބުނެފައިވަނީ ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދު ބާރުމިނެއްގައި ވައި ޖެހޭނެކަމަށާއި އަދި ވިލާގަނޑުގައި 60 މޭލަށް ވައި ޖެހޭނެކަމަށެވެ. އަދި ކަނޑު ދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަސް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.