އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އިސްތިއުފާ ދެއްވައިފި އެވެ.

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މަގާމުން މި އިސްތިއުފާ ދެއްވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރެވޭ މީހުންގެ ލިސްޓްގައި ނަން ހިމެނިފަ ވަނިކޮށެވެ.

Ad
rt

ޒިޔަތު އިސްތިއުފާ ދެއްވިކަން އަދި ރަސްމީ އެއްވެސް އިދާރާއަކުން ކަށަވަރުކޮށް ނުދެއްވި ނަމަވެސް، މައުލޫމާތު ލިބޭ ގޮތުގައި އޭނާ ވަނީ މީގެ ކުޑައިރުކޮޅެއްކުރިން އިސްތިއުފާ ދެއްވިކަމުގެ ސިޓީ މަޖިލީހުގެ ރައީސަށް ފޮނުއްވާފަ އެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި 241 ކޮމިޓީ ގެ ޖޮއިންޓް ކޮމިޓީއެއް އެކުލަވާލައި އެމްއެމްޕީއާރުސީގެ މައްސަލަ ބަލައި އެ ކޮމިޓީއިން މިއަދު ވަނީ ރިޕޯޓު ފާސްކޮށްފަ އެވެ.

އެ ރިޕޯޓު ފާސްކޮށްފައި ވަނީ އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ހިޔާނާތުގެ ލިސްޓު އެއްވެސް އުނި އިތުރެއް ނުގެނެސް ކަމަށް އެ ކޮމެޓީއިން ވަނީ ބުނެފަ އެވެ. އަދި އެ ކޮމެޓީގެ ރިޕޯޓުގައި އެ ލިސްޓް ހިމަނައި މިއަދު ހަވީރު ތިން ގަޑި ފަންސާސްހާއިރު އެ ލިސްޓް ވަނީ އާންމުކޮށްފަ އެވެ.

އެ ކޮމެޓީ ރިޕޯޓުގައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ކިޔާނާތުގައި ބައިވެރިވި ކަމަށް ނުވަތަ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ދައުލަތުގެ މަގާމު އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންދާ 119 މީހުން ހިމެނޭ ލިސްޓެއް ހިމަނާފަ އެވެ.

އެ ލިސްޓްގައި ނަން އޮތްކަން ފާހަގަކުރަށްވައި، މަގާމުން އިސްތިއުފާ ދެއްވައި މަޖިލިސް ރައީސްއަށް ޒިޔަތު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ދިވެހި ދައުލަތުގެ އޮޑިޓަރު ޖެނެރަލްގެ މަގާމުގައި މިވަގުތު ދެމިހުރުމަކީ ދައުލަތާއި އޮޑިޓަރު ޖެނެރަލް އޮފީހުގެ ކަރަމާތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއްގައި ދެކޭތީ ތަހުޒީބީ މުޖްތަމައުތަކުގައި އަމަލު ކުރާ އުސޫލުން ދިވެހި ދައުލަތުގެ އޮޑިޓަރު ޖެނެރަލްގެ މަގާމުން އިސްތިއުފާ ދީފައިވާ ކަމަށެވެ.

އޮޑިޓާ ޖެނެރަލްގެ މަގާމަށް ޒިޔަތު އައްޔަނުކުރެވުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަރިކަމުގައި ނޮވެމްބަރު 24، 2014 ގަ އެވެ.