ހއ. އިހަވަންދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މާލެއިން އިހަވަންދޫއަށް ގޮސް ހުރި މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ، ބަށްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން ޓެސްޓްކުރުމުންނެވެ. އަދި، ޕޮޒިޓިވްވި މީހާއާއިއެކު އިތުރު ދެމީހަކު ހޯމް ކަރަންޓީނުގައި ތިބި ކަމަށް މައުލޫމާތު ލިބެއެވެ.

Ad
rt

އިހަވަންދޫއިން ކޯވިޑަށް މީހަކު ޕޮޒިޓިވްވުމާއެކު ހޯމް ކަރަންޓީނަށް އެރަށަށް ދާ ފަރާތްތައް އަމަލުކުރަންޖެހޭ ގޮތުގެ އުސޫލު އިތުރަށް ވަނީ ހަރުދަނާ ކޮށްފައެވެ. އެގޮތުން، މިހާރަށްވުރެ ރައްކާތެރި ތަންތަނުގައި ނޫނީ، ހޯމް ކަރަންޓީނުވުމުގެ ހުއްދަ ނުދިނުމަށް އިހަވަންދޫގެ ޓާސްކް ފޯސްއިން ވަނީ ނިންމާފައެވެ. އަދި، ހޯމް ކަރަންޓީނުވުމަށް އެދޭ ފަރާތްތަކުން، ހޯމް ކަރަންޓީނުވުމަށް އައުމުގެ 72 ގަޑިއިރު ކުރިން، ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭގެ ހާލުބެލުން ޕޯޓަލް މެދުވެރިކޮށް ހުއްދަ ލިބުމުން ނޫނީ ދަތުރުނުކުރުމަށް ވަނީ އިލްތިމާސްކޮށްފައިވެއެވެ.

ހޯމް ކަރަންޓީނަށް އެ ރަށަށް ދާ ފަރާތްތަކުން ކަރަންޓީންގެ އުސޫލާ އެއްގޮތަށް ޢަމަލު ކުރުމަށް އިހަވަންދޫ ކައުންސިލުން ވަނީ އެދިފައެވެ. މީގެ އިތުރުން، ކަރަންޓީނުގެ އުސޫލާ ހިލާފްވާކަން އެނގިއްޖެނަމަ އިހަވަންދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކުރުމަށް ވެސް ވަނީ އަންގާފައެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޯވިޑް-19 ފެތުރެމުންދާތީ އެޗްޕީއޭ އިން ވަނީ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށްފައެވެ. އެގޮތުން، މާލޭ ސަރަހައްދުގައި ހަވީރު 4 އިން ފަތިހު 4އަކަށް ކާފިއު އިއުލާންކޮށްފައިވާއިރު، މިއަދު ރާއްޖެއިން 1501 މީހުން ކޯވިޑަށް ޕޮޒިޓިވްވެފައި ވާކަމަށް މައުލޫމާތު ލިބެއެވެ.