ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ނުރައްކާތެރި ޙަމަލާ، ވަޒީރުންގެ މަޖިލީހުން ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފިއެވެ.
އޮންލައިންކޮށް މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައި، މިއީ، ޓެރަރިޒަމްގެ ވަރަށް ނުރައްކާތެރި ޢަމަލެއްކަމަށް ރައީސް ޞާލިޙް ވިދާޅުވިކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި، މި ޙަމަލާއާ ގުޅިގެން ތަޙުޤީޤު ޓީމުގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބާއި، ދައުލަތުގެ އެންމެހާ ބާރުތަކާއި، ދިވެހި ރައްޔިތުންގެ ރައްކާތެރިކަން ޔަޤީންކުރެއްވުމަށް އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުގެ މަޢުލޫމާތުވެސް ހިއްސާކުރެއްވިއެވެ. އަދި، ރައީސް ނަޝީދުގެ މިހާރުގެ ހާލުކޮޅާ ބެހޭގޮތުންވެސް ވަޒީރުންގެ މަޖިލީހަށް މަޢުލޫމާތު ހިއްސާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ކައިރީރޭ ކައިރިން ކާރަށް އަރާވަޑައި ގަންނަވަން ވަޑައިގަންނަވަނިކޮށް މިމަހުގެ 6 ވަނަ ރޭ ވަނީ އެއްޗެއް ގޮއްވާލާފައެވެ. މި ހާދިސާއާ ގުޅިގެން ލިބުނު ޒަހަމުތަކަށް ފަރުވާއަށް ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އެރޭ 8:30 ގައެވެ. އެ ހަމާލާގައި ވަރަށްބޮޑަށް ޒަޚަމްވެ އެމަނިކުފާނުގެ ހާލުކޮޅު ސީރިއަސްވެސް ވިއެވެ. ބައެއް ސާޖަރީތަކަށްފަހު މިހާރު ވަރަށް ބޮޑުތަން އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަކަމަށް ޢާއިލާއާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!