މުޖުތަމަޢަށް ބޭނުންތެރި، އަދި މުޖުތަމަޢުގައި ބަސްވިކޭ ބަޔަކަށް ކުދިން ވާނީ، އެހެން މީހުންނާ ކުރާ މުޢާމަލާތުތަކުގައިވެސް، އަދި ގޭތެރޭގަޔާއި ބޭރުގައި އުޅޭ އުޅުމުގައިވެސް، އެ ކުދިންނަށް ރީތި ނަމޫނާ ދެއްކި މިންވަރަކުން ކަމަށް، ރައިސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާ ހިތާބުގައި ރައީސް ވަނީ، މީހުންނަށް އިޙްތިރާމްކުރުމާއި ކިޔަމަންތެރިވުމުގެ ސިފަ، ކުދިންގެ ކިބައިން ފެންނާނީ، ހުރިހާ ފަރާތްތަކުންވެސް ކުދިންނަށް ލޯތްބާއި އޯގާތެރިކަން ބެހެއްޓި މިންވަރަކުންކަމަށްވާތީ، ލޯތްބާއި އޯގާތެރިކަމާއެކު ކުޑަކުދިން ބަލައި ބޮޑުކުރުމަށް ޚާއްޞަ ސަމާލުކަމެއްދިނުމަށް އިލްތިމާސްކުރަށްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވަނީ ކުޑަކުދިންގެ ދުވަހެއް ފާހަގަކުރާއިރު، ކުޑަކުދިންގެ ޙައްޤުތަކާ ގުޅިފައިވާ މައްސަލަތައް ޙައްލުކުރުމަކީ، ޤާނޫނަކުން އެކަނި ކުރެވޭ ވަރަށް ވުރެ، މާފުޅާ ދާއިރާއެއްގައި ކުރަންޖެހިފައިވާ މަސައްކަތެއްކަން ފާހަގަކުރައްވާ ދައުލަތުގެ ހުރިހާ އިދާރާތަކުގެ އެއްބާރުލުމާއި ބައިވެރިވުން ބޭނުންވާކަމަށް ވިދާޅުވެފައެވެ.
މުޖުތަމަޢުން މިއަދު ފެންނަމުން މިދާ ނުރަނގަޅު އެންމެހައި ކަންކަމުން އެނގެނީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި، ތުއްތު ކުދިން ތަރުބިއްޔަތު ކުރުމަށް ސަމާލުކަން ދޭންޖެހިފައިވާ މިންވަރުކަމަށާއި، އަދި ޒުވާން ފުރާއަށް އަޅައިގެން އަންނަ ދުވަސްވަރު، ބައިބައިކުރުމާއި ފަސާދަކުރުމުގެ ފިތުނަވެރި އެންމެހައި ފިކުރުތަކުން، އެ ކުދިންގެ ސިކުނޑިތައް ތަޣައްޔަރުކުރިޔަ ނުދިނުމަށްޓަކައި، އޯގާތެރިކަމާއި، ކުލުނާއި، ލޯތްބާއި، އަޅައިލުމާއި، އެކުވެރިކަމާއެކު ލާމެހިގެން އުޅުމުގެ މަތިވެރި ސިފަތަކަށް، އެކުދިން ހާނުވަން ޖެހިފައިވާ މިންވަރު ކަމަށް ރައީސް ވިދާޅުވިއެވެ.
މިއީ، މިއަދު ކޮންމެ މަންމައަކާއި ކޮންމެ ބައްޕައެއް، އަދި ކޮންމެ ބެލެނިވެރިއަކާއި ކޮންމެ މުދައްރިސަކުވެސް ޚާއްޞަ ސަމާލުކަމެއް ދޭންޖެހިފައިވާ ކަމެއްކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
މިއަދުގެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުން ދިވެހިރާއްޖޭގެ އެންމެހާ ކުޑަކުދިންނަށާއި، އެކުދިންގެ ލޯބިވާ މައިންބަފައިންނަށާއި ބެލެނިވެރިންނަށާއި ބަލަދުވެރިންނަށާއި، އެކުދިންގެ ޢާއިލާތަކަށާއި، އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކަށްވެސް ފޮނުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!