ށ. ޅައިމަގު މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ޅައިމަގު މޮނިޓަރިން ހާލަތަށް ގެނައީ މިއަދު މެންދުރުފަހު ދެގަޑި ބައިހާ އިރުއެވެ.

Ad
rt

ޅައިމަގު ސިއްހީމަރުކަޒުގެ މެނޭޖަރު އާދަމް އަޒުމް "ތިލަދުން"އަށް ވިދާޅުވީ، އެރަށުމީހުން ހޯމް ކަރަންޓީނުގައި ތިބި ދެ ގެއަކުން އިއްޔެ ޓެސްޓް ކުރުމަށް ސާމްޕަލް ނެގި ކަމަށެވެ. އޭގެތެރެއިން 5 މީހެއްގެ ސާމްޕަލް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއްގެއެއްގައި ކަރަންޓީނުގައި ހުރީ އެކަކު، އޭނާގެ ފިރިމީހާއަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ހަމަޖެހިފައިވާ އުސޫލުގެތެރެއިން މިރަށަށްއައިސްފައި ހުރި މީހެއް، ދެ ޑޯޒް ހަމަކޮށް، ސާދަ ދުވަސް ވުމުން ކަރަންޓީނު ނުވެ ދަތުރު ކުރެވޭގޮތަށް އޭރު އޮތީ، އޭނައައިފަހުން ހަފުތާއެއްހާ ދުވަސްވެއްޖެ، އޭނަގެ އަންހެނުން ޓެސްޓް ކުރިއިރު ޕޮޒިޓިވްވީމަ އޭނަ ވެސް ޓެސްޓް ކުރީ، ޓެސްޓްކުރިއިރު އޭނަ ވެސް ޕޮޒިޓިވް" އަޒުމް ވިދާޅުވިއެވެ.

ދެ ޑޯޒް ހަަމަކޮށް، ސާދަ ދުވަސް ފަހުން ޅައިމަގަށް ދަތުރުކުރި އެމީހާ ޕޮޒިޓިވްވިކަން އެނގުނުއިރު ރަށުތެރެއިން ވަނީ އެތައް ބަޔަކާ ބައްދަލުވެފަ އެވެ. ރަށް މޮނިޓަރިންނަށްލީ އެ ސަބަބާހުރެއެވެ.

އަޒުމް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިން ގެ މަސައްކަތް މިހާރު ކުރިއަށް ގެންދަވަމުންދާ ކަމަށެވެ.

ޕޮޒިޓިވް ކޭސް ތަކަކާއި ގުޅިން އެޗްޕީއޭއިން މިއަދު ވަނީ ރ. ހުޅުދުއްފާރު ވެސް މޮނިޓަރިންނަށް ލާފައެވެ. މިވަގުތު 30 ރަށެއް މޮނިޓަރިން ހާލަތުގައި އެބައޮތެވެ.