ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިނގިލި، ގުޅީފަޅު، ތިލަފުށި، ހުޅުލެ)ގައި ބައެއް ފިޔަވަޅުތައްއަޅައި، އެ ފިޔަވަޅުތައް ވަކިމުއްދަތެއްނެތް ގޮތަށް ދަންމާލައިފިއެވެ.

އެ ނިންމުން ހާމަކޮށްފައި ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރަށްވާ މިއަދު ނެރުނު އެންގުމުގަ އެވެ.

Ad
rt

މިގޮތުން މިއަދުން ފެށިގެން ވަކިގޮތެއް އަންގަންދެއް ޑޭ ކެއާ ސެންޓަރުތަކާއި، ޓިއުޝަން ކްލާސްތަކާއި އަދި ޤުރުއާން ކްލާސް ބަންދުކުރަން ވަނީ އަންގާފަ އެވެ.

މީގެއިތުރުން މިއަދުން ފެށިގެން ވަކިގޮތެއް އަންގަންދެން ޔުނިވާސިޓީތަކާއި، ކޮލެޖްތަކުގައި އޮންލައިންކޮށް ކިޔަވައިދޭން ވަނީ އަންގާފަ އެވެ. މީގެކުރީން ވަނީ މިމަހު 15ގެ ނިޔަލަށް ސްކޫލްތަކުގައި އޮންލައިންކޮށް ކިޔަވައިދޭން އަންގާފަ އެވެ.

ރާއްޖޭގެ ކޯވިޑްގެ ހާލަތު ފާލުން ނެއްޓިފަ ވާއިރު، އެޗްޕީއޭއިން ވަނީ މި ނޫން ވެސް ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. މިގޮތުން މާލެ ފިޔަވައި އަތޮޅުތަކުގެ އެއްރަށުން އަނެއް ރަށަށް ޒަރޫރީކަމެއްގައި މެނުވީ ދަތުރުކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.

ކޯވިޑް ހާލަތު ގޯސްވުމުން އަތޮޅު ތެރޭގެ 5 ރަށެއްގައި ކާފިއު ހިންގުމަށް ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރޭ ނިންމާފަ އެވެ. އެއީ ޅ. ނައިފަރާއި، ކ. މާފުށްޓާއި، އއ. މަތިވެރިއާއި، އއ. އުކުޅަހާއި، އަދި ބ. އޭދަފުއްޓެވެ.

މިރަށްރަށުގައި ވަނީ މިއަދުގެ ހަވީރު 4:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން އެޗްޕީއޢޭއިން އެ ނިންމުން ނިމުމަކަށް ގެންނަންދެން މަނާކޮށްފަ އެވެ.

މީގެއިތުރުން މިއަދުން ފެށިގެން އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގަ ވެސް ވަނީ ކާފިއު ހިންގައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފަ އެވެ.

މީގެއިތުރުން މާލެ ސަރަހައްދުގައި ވެސް ވަނީ ރޭގަނޑު 12 އިން ފަތިހު 4 އަށް ކާފިޔުހިންގާފަ އެވެ. ކެފޭ، ހޮޓާ، ރެސްޓޯރެންޓް އަދި ފިހާރަތައް ވެސް ރޭގަނޑު 9 ޖަހާއިރު ބަންދު ކުރަން ވަނީ އަންގާފަ އެވެ. ސްކޫލް، ކޮލެޖް، ޔުނިވާސިޓީތަކާއި، ޕާކު، މައިޒާން، ޖިމް އަދި ސެލޫންތައް ވެސް ވަނީ ބަންދު ކޮށްފަ އެވެ.