ށ. ފޯކައިދޫ މާކަރީ ބޯޓުގެ އިތުރު ފަޅުވެރިއެއް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.
މިފަހަރު ޕޮޒިޓިވްވީ އެ ބޯޓުގައި މަސައްކަތްކުރާ ބިދޭސީ ފަޅުވެރިއެކެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ އިއްޔެ އެވެ.
ފޯކައިދޫ މާކަރީ ބޯޓުގެ ފަޅުވެރިއެއް ކޯވިޑް-19އަށް ޕޮޒިޓިވްވިކަން މިހިނގާ މޭމަހުގެ 5 ވަނަ ދުވަހުއެވެ.
އެ ބޯޓު އެ އަތޮޅު ފީވަކުގައި އޮއްވައި އެ ބޯޓުގައި ބައްޔަށް ޝައްކުވާ މީހަކު ހުރިކަން ފޯކައިދޫ ސިއްހީ މަރުކަޒަށް ރިޕޯޓްކުރީ އާންމުންގެ މީހެކެވެ. އެ ބޯޓު ފޯކައިދޫއަށް ބަނދަރުކުރިއިރު ފޯކައިދޫ ސިއްހީ މަރުކަޒުގެ ޓީމު ތިބީ ބަނދަރުގައެވެ. އެ ހިސާބުން ސާމްޕަލް ނެގީއެވެ. ސިއްހީ މަރުކަޒުގެ މިފިޔަވަޅާއެކު، އެ ބޯޓުގެ އެއްވެސް މީހަކު ރަށަށް ފައިބާފައެއް ނުވެއެވެ.
ފޯކައިދުއާއި، އެ އަތޮޅު ބައެއް އެހެން ރަށްރަށާއި، މާލެ އާއި ދެމެދު ދަތުރުކުރާ އެ ބޯޓުގެ އެ ފަޅުވެރިޔާއަކީ ފޯކައިދޫއަށް ނިސްބަތްވާ މީހެކެވެ. އޭނާއާއިއެކު އެ ބޯޓުގައި ތިބި 9 ފަޅުވެރިންނާއި، އެ ބޯޓުން އެ ރަށަށްއައި ދަތުރުވެރިއެއް ވެސް މިހާރު ވަނީ 14 ދުވަހަށް ބޯޓުގައި ކަރަންޓީނުކޮށްފަ އެވެ.
ފޯކައިދޫ މާކަރީ ބޯޓުގެ ދެ ފަޅުވެރިން ޕޮޒިޓިވްވެ އެ ބޯޓު 14 ދުވަހަށް ކަރަންޓީނު ކޮށްފަ ވާއިރު، މެއި 4 ވަނަ ދުވަހު ވަނީ އެ އަތޮޅު ފުނަދޫ ސޯސަން އެކްސްޕްރެސް ބޯޓުން ދެ މީހަކު ޕޮޒިޓިވްވެ އެ ބޯޓުގެ ހުރިހާ ފަޅުވެރިން ވެސް 14 ދުވަހަށް ބޯޓުގައި ކަރަންޓީނުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!