ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާއަކީ، އެމަނިކުފާނަށް އަމާޒުކޮށް ހިންގި ޓެރަރިޒަމްގެ އަމަލެއް ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

ފުލުހުން މިހެން ވިދާޅުވީ، ރޭ މާލޭ ސިޓިގެ ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލައި، ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާއާ ގުޅޭގޮތުން ނެރުނު ނޫސް ބަޔާނެއްގަ އެވެ.

Ad
rt

އެ ހަމަލާ އެންމެ ބޮޑު އިސްކަމެއްދީގެން ތަހުގީގުކުރަމުން ގެންދަވާކަން ހާމަކޮށް ފުލުހުން ވިދާޅުވީ، ތަހުގީގު ދާއިރާއިންނާއި ފޮރެންސިކްސްގެ ތެރެއިން ފުލުހުންނަށް ލިބެންހުރި ހުރިހާ ވަސީލަތެއް އެ މައްސަލައިގެ ތަހުގީގަށް ބޭނުންކުރަށްވަމުން ގެންދަވާ ކަމަށެެވެ.

މީގެއިތުރުން މިތަހުގީގަށް އެހީތެރިވުމަށް އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ފަރާތުން ތަޖުރިބާކާރު ދެ ބޭފުޅެއް މާދަމާގެ ވަގުތެއްގައި
ދިވެހިރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށާއި، އަދި ޔޫ.އެން.އޯ.ޑީ.ސީ ގެ ފަރާތުން ދިވެހިރާއްޖޭގައި މިވަގުތު ތިއްބެވި އިނގިރޭސިވިލާތުގެ
ދެ ބޭފުޅެއްގެ އެހީތެރިކަން، މި ހަމަލާ ތަހުގީގުކުރުމުގައި ދިވެހި ފުލުހުންނަށް ލިބެމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.

"މިހާތަނަށް ލިބިފައިވާ މައުލޫމާތާއި ފުލުހުންނަށް ހޯދިފައިވާ ހޯދުންތަކަށް ރިއާޔަތްކޮށް މި ހަމަލާ ތަހުގީގުކުރަމުން މިދަނީ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ހިންގި ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައެވެ." ފުލުހުން ވިދާޅުވެފަ ވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ މި ހަމަލާ ދިން ވަގުތު އެސަރަހައްދުން ޝައްކުވާ އެއްވެސްކަމެއް ފާހަގަކުރެވިފައިވާނަމަ، މި ހަމަލާއާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ހާއްސަ ކޮށްފައިވާ ހޮޓްލައިން 9704000 އަށް ގުޅުއްވައި އެކަން ހިއްސާކޮށްދެއްވުން ފުލުހުން އެދިވަޑައިގަންނަވައެވެ. މިގޮތުން ފޯރުކޮށްދޭ މައުލޫމާތުގެ ސިއްރުކަން ހިފަހައްޓާނެކަމުގެ ޔަގީންކަން ވެސް ފުލުހުން ދެއްވައެވެ.

މި ހަމަލާއާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިވެހި ގައުމީ ދިފާއީ ބަރާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ދަނީ މާލެ ތެރެ ބެލެހެއްޓުމުގައި ހާއްސަ މަސައްކަތްތަކެއް ވެސް ކުރައްވަމުންނެވެ.

މި ހަމަލާއާގުޅޭ އިތުރު މައުލޫމާތު ދިނުމަށްޓަކައި މިއަދު މެންދުރު 14:00 ގައި އިސްކަންދަރު ކޮށީގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވެސް ފުލުހުން ވަނީ ނިންމަވާފަ އެވެ.