ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދީފައިވާ ހަމަލާއަކީ ރާއްޖޭގެ ޑިމޮކްރަސީ އާއި އިގްތިސާދަށް ދިން ހަމަލާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް މިރޭ ދެވުނު ޙަމަލާއާއި ގުޅިގެން ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގައި ހުންނަވައި، ޤައުމާ މުޚާޠަބު ކުރައްވަމުން އެމަނިކުފާނު ވަނީ، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް، ދިން ޙަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަށްވާފަ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ މި ޙަމަލާގައި އެ މަނިކުފާނުގެ ހަށިކޮޅަށް އެކިވަރުގެ ޒަޚަމްތައް ވަނީ ލިބިފައިކަމަށާއި، މި ޙަމަލާ ދިންތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އޭ.ޑީ.ކޭ ހޮސްޕިޓަލަށް އެ މަނިކުފާނު ގެންދެވި، މިހާރު އަންނަނީ ފަރުވާ ދެމުންކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑަށް ޑޮކްޓަރުން އެންމެފަހުން މަޢުލޫމާތު ދެއްވި ގޮތުގައި، އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ޒަޚަމްތަކަށް ފަރުވާދިނުމަށްޓަކައި އިތުރު އޮޕަރޭޝަން ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް."

ރައީސް ވިދާޅުވިއެވެ.

"މިއީ، ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށާއި، އިޤްތިޞާދަށް ދިން ޙަމަލާއެއް. މިފަދަ ޢަމަލުތަކަށް މި ދިވެހި ބިމުގައި އެއްވެސް ޖާގައެއް ނޯންނާނެ. އަދި މިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް މާތް ﷲގެ ވާގިފުޅާއެކު، ފަސްޖެހުމެއް ނެތި އަޅަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން." ރައީސް އިތުރަށް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވަނީ މި ހަމަލާގައި ރައީސް ނަޝީދަށާއި، މިހަމަލާގައި އަނިޔާވި އެހެން މީހުންނަށް އަވަސް ޝިފާޢަކަށް އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފަ އެވެ.