ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް މި ގެނައި އިސްލާހުގައި ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށާއި، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށާއި، ނުފޫޒުން ވިޔަފާރިކުރުމުގެ ކުށް ކަނޑައަޅުއްވާފައިވެއެވެ. އަދި މިފަދަ ކުށެއްކުރިކަމުގައި ނިންމަވާ ހަމަތަކާއި އުޞޫލުތައްވެސް މި އިޞްލާޙުގައި ހިމެނިގެންވެއެވެ.
މީގެ އިތުރުން ރިޝްވަތު ހުށަހެޅުމަކީ ކުށެއްކަމުގައި ކަނޑައަޅުއްވާ އެކުށް ސާބިތުވާނެ ހާލަތު ވަނީ ބަޔާންކޮށްދީފައެވެ. އަދި ރިޝްވަތުގެ ކުށަކީ، ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެއްކަމުގައިވެސް މި ގެންނެވި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވާ މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު އުވޭނެކަމުގައި މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށް، މި ޤާނޫނަށް އަމަލުކުރަން ފަށާފަ އެވެ.
މި ބިލަކީ އެޕްރީލް މަހުގެ 19 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!