ޕާކުކުރުމުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ މާލޭގައި، އަގު ދީގެން ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރެވޭނެ އިންތިޒާމު ހަމަޖައްސަން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުގެ 74 ވަނަ ބައްދަލުވުމުގައި މިގޮތަށް ނިންމާ، މި އުސޫލު މިއަދުވަނީ ކައުންސިލުގެ ވެބްސައިޓުގަޔާއި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

Ad
rt

އެކައުންސިލުން އެކުލަވާލާފައިވާ އުސޫލުގައިވާގޮތުން، އަގު ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކުރެވޭނީ މ. ދަންޑެހެލުގެ (ސުޕްރީމް ކޯޓު ކުރިމަތީގައި) ހަދާފައިވާ ޕާކިންގ ޒޯނުގައެވެ.

މި ޒޯނުގައި ޕާކު ކުރުމަށް އެދި ހުށަހަޅަންޖެހޭ ފޯމު، ސިޓީ ކައުންސިލުގެ ވެބްސައިޓުގައި ލިބެން ހުރިއިރު، މި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށް، މާފަންނު އަވަށު އޮފީހުންނެވެ.

އަގު ދީގެން ޕާކު ކުރަން ދޫކުރަނީ 40 ޖާގައެވެ.