ހއ. ދިއްދޫއިން އަނެއްކާ ވެސް 8 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވީ މެއި 1 ވަނަ ދުވަހު އެވެ. އެއީ އަލާމާތްތައް ހުރެގެން ދެއްކި މީހެކެވެ.
އެކޭހާއި ގުޅިގެން މިހާތަނަށް އެރަށުން 381 މީހެއްގެ ސާމްޕަލް ވަނީ ނަގާފަ އެވެ. އޭގެ ތެރެއިން 203 މީހެއްގެ ސާމްޕަލް ނެގެޓިވްވެފަ ވާއިރު، އަދި ނަތީޖާ ނުލިބޭ 137 ސާމްޕަލެއް ވެއެވެ.
ނަތީޖާ ނުލިބޭ ސާމްޕަލްތަކުގެ ނަތީޖާ ލިބެމުންދާއިރު ދިއްދޫގެ ޕޮޒިޓިވް ނަމްބަރު ވެސް ދަނީ މައްޗަށެވެ.
ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވި މީހާގެ ކޭހާއި ގުޅިގެން އެމީހާގެ އިތުރުން ދިއްދޫއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު މިހާރު ވަނީ 41 އަށް އަރާފައެވެ. އަދި އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި 4 މީހެއް ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.
ރާއްޖޭއަށް ކޯވިޑްގެ ހަތަރުވަނަ ރާޅެއް ބިންދާލާފައިވާއިރު، އިއްޔެ އެކަނި ވެސް ރާއްޖެއިން ވަނީ 601 މީހެއް ޕޮޒިޓިވްވެފަ އެވެ.
އިއްޔެ މާލެ އޭރިއާއިން 440 މީހަކު ޕޮޒިޓިވްވިއެވެ. ރަށްތަކުން 141 މީހެއް ޕޮޒިޓިވްވިއެވެ. އަދި ރިސޯޓްތަކުން 19 މީހެއް ޕޮޒިޓިވްވިއެވެ. މިއާއިއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޢަދަދު 31،931 އަށް ވަނީ އަރާފަ އެވެ.
ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 74 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 64 ދިވެހިންނާއި 10 ބިދޭސީންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!