ހދ.ހަނިމާދޫ ކޮކާހިޔާ މުހައްމަދު މޫސާ (މަނިކު) ގެ ދެ ކިޑްނީ ފެއިލްވެ ހަޔާތަށް ކުރިމަތިވި އެންމެ ދަތި ދުވަސްތައް ވީ ރާއްޖެއަށް ވެސް ދިމާވި އެންމެ އުނދަގޫ އެންމެ ދަތި ދުވަސްތަކަށެވެ. އެއީ 2020 ވަނަ އަހަރުގެ ކުރީކޮޅެވެ. ކޯވިޑް ބަލި ރާއްޖޭގައި ފެތުރި މުޅި ރާއްޖެ ލޮކްޑައުން ކުރިވަގުތެވެ. ދަތުރުފަތުރު އެއްކޮށް ހުއްޓުނު ވަގުތެވެ.

ސިއްހީ މައްސަލައެއް ދިމާވެއްޖެކަން އިހުސާސް ކުރެވެން ފެށިގޮތް ހިއްސާކުރަމުން މަނިކު ބުނެފައިވަނީ އެ ދުވަސްވަރު ކޮންމެވެސް ވަރަކަށް ފައިތިލަ ދުޅަވުން ކަހަލަ ކަންކަން ދިމާވިކަމަށެވެ. އަދި ބަނޑުތެރެ ހޫނުވުން ފަދަ އިހުސާސްތަކެއް ކުރެވުނުކަމަށެވެ. އަބަދުވެސް ނިދިއައިސް ހުރުމާއި، ކިތަންމެވަރަކަށް ނިދި ނަމަވެސް ނިދި ނުފިލާކަމަށެވެ.

Ad
rt

މިކަހަލަ އިހުސާސްތަކެއް ކުރެވި ބޮލުގައި ރިއްސުން ގަދަވުމުގެ ސަބަބުން ފުރަތަމަ ޑޮކްޓަރަށް ދެއްކީ ހަނިމާދޫ ސިއްހީ މަރުކަޒަށެވެ. ސިއްހީމަރުކަޒުން ޑޮކްޓަރު ބެއްލެވުމަށްފަހު ހާލަތު ރަނގަޅު ނޫންކަމަށް ލަފާކޮށް، އެމަޖެންސީގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވިއެވެ. އެ ހޮސްޕިޓަލުން ލަފާދިނީ އިތުރު ޓެސްޓުތައް ހެދުމަށް މާލެދިއުމަށެވެ.

އެކަންވީ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. ސަބަބަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތައް ވެސް ކޯވިޑު ބަލިމަޑުކަމާއި ގުޅުގެން ހުއްޓާލާފައި އޮތުމެވެ. ނަމަވެސް ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓަށް ސަރުކާރުގެ ބައެއް ބޭނުންތަކުގައި ހަފްތާއަކު އެއް ފުލައިޓް ކަހަލަ ގޮތަކަށް ބާއްވަމުންދެއެވެ. ހަނިމާދޫ ސިއްހީ މަރުކަޒާއި ގުޅިގެން މިފަދަ ފުލައިޓަކުން ޖާގަހޯދައި ފުރައިގެން މާލެދިޔައީ އިތުރު ޓެސްޓްތައް ހެދުމަށެވެ.

މާލެގޮސް ހެދި ޓެސްޓްތަކުން ދެ ކިޑްނީ ފެއިލްވެފައިވާކަން ޔަގީންވިއެވެ. އެ ހިސާބުން ފެށިގެން ޑައިލިސިސް ހަދަން މަޖުބޫރުވިއެވެ. އެ ދުވަހުން ފަށައިގެން ޑައިލިސިސް ހަދަމުން އަނަނަތާ މިހާރު އަހަރެއްހާ ދުވަސް ފާއިތުވީއެވެ.

މިހާރު އުމުރުން 55 އަހަރު ވެފައިވާ މަނިކަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި އެންމެ ގިނަ ދުވަސްވީ އެއް މުވައްޒަފެވެ. އެ އެއާރޕޯޓްގެ ވޯކްސޮޕްގައި އޭނާ މަސައްކަތް ކުރަމުން އަންނަތާ މިހިނގާ 2021 ވަނަ އަހަރުގެ އޮކްޓޯބަރ މަހަށް 30 އަހަރު ފުރޭނެއެވެ. ހީވާގި މުވައްޒަފެއް ގޮތުގައި ފާހަގަކުރެވުނު މަނިކުގެ މިއަދުގެ ހާލަތުގެ ސަބަބުން ވަޒީފާގައި ދެމިހުރުމަށް ވެސް ވަނީ ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ.

ޑައިލިސިސް ހެދުމަކީ ވެސް ވަރަށް ބޮޑު ތަކުލީފެކެވެ. ބޮޑު ޚަރަދެކެވެ. ހަފްތާއަކު ތިން ދުވަހު ޑައިލިސިސް ހަދަން ޖެހޭއިރު އެ ޚިދުމަތަކީ އަމިއްލަ ރަށް (ހަނިމާދޫ) އިން ލިބޭ ޚިދުމަތެއް ނޫނެވެ. ޑައިލިސްސް ހެދުމަށް ހަފްތާއަކު ތިންދުވަހު ކުޅުދުއްފުށީ ރީޖަނލް ހޮސްޕިޓަލަށް ދަތުރު ކުރަންޖެހެއެވެ. ކޮންމެ ދަތުރަކީ ވެސް ވަރަށް ބައިވަރު ފައިސާ އެކަމަށް ޚަރަދުވެގެންދާ ދަތުރު ތަކެކެވެ. ލިބޭމަދު މުސާރައިން ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސުމުގެ އިތުރުން މިކަމަށް މިހާބޮޑު ހޭދައެއް ކުރަންޖެހުމުގެ ސަބަބުން މާލީގޮތުން ވެސް އެ އާއިލާއަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.

ކޯވިޑްގެ ސަބަބުން ރަށްތައް ބަންދުކޮށް ދަތުރުފަތުރު ހުއްޓާލިޔަސް އަދި މޫސުން ގޯސްވެ ކިތަންމެ ކަނޑު ގަދަވިނަމަވެސް ފުރާނަ ސަލާމަތް ކުރަން ބޭނުންނަމަ ޑައިލިސިސް ހެދުމަށް ކުޅުދުއްފުއްޓަށް ދަތުރުކުރުން ނޫން ގޮތެއް މަނިކުއަކަށް މިއަދު ނެތެވެ.

މިއަދު އެ އާއިލާއިން މަނިކުގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށްޓަކައި ކިޑްނީއަކާއި އަދި އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ އާއިލާއިން އެދެނީ ކޮންމެ ބޭފުޅަކަށް ވެސް ވެދެވެން އޮތް އެހީތެރިކަމެއް ފޯރުވައި ދިނުމެވެ. މާލީގޮތުން އެހީތެރިކަން ދެވެންނެތްނަމަ ހެޔޮދުއާކޮށްދިނުމެވެ.

އިތުރު މައުލޫމާތު ހޯދުމަށް:

މޫސާ ވަޖުދީ - (މުހައްމަދު މޫސާގެ ދަރިފުޅު)

ފޯންނަމްބަރ: 7935532

އެކައުންޓް ނަމްބަރ: 7704275363101

އެކައުންޓް ނަން: MOOSA WAJUDHEE