މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީ މިއަދު އުވާލައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، އެ މިނިސްޓްރީ އުވައިލެއްވުމަށްފަހު "މިނިސްޓްރީ އޮފް އެންވަޔަރަންމަންޓު"ގެ ނަން ވަނީ "މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ"ގެ ނަމަށް މިއަދުން ފެށިގެން ބަދަލު ކުރަށްވާފަ އެވެ.
މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީ އުވައިލެއްވުމާ ގުޅިގެން، މިހައިތަނަށް އެ މިނިސްޓްރީން ކުރައްވަމުންގެންދެވި، ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަނާބެހޭ އެންމެހައި މަސައްކަތްތަކާއި ސައެންސް އެންޑް ޓެކްނޯލޮޖީއާއި، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޯލޮޖީއާބެހޭ އެންމެހައި މަސައްކަތްތައް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ކުރައްވަމުން ގެންދަވާގޮތަށް ހަމަޖައްސަވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
މިބަދަލާއެކު ރައީސް ޞާލިޙް މިއަދު ވަނީ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ޕޮލިސީގެ މަޤާމުގައި ހުންނެވި އައްޑޫސިޓީ ހުޅުދޫ، ޓްރައިސްޓަރ، އާމިނަތު ޝައުނާ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމަށް، ޢައްޔަންކުރަށްވާފަ އެވެ.
Ad
rt